ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫގެ ދަށުން އެޅި ފްލެޓްތަކުގެ އިންތިޒާރުގައި ތިބި ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްވެސް ސަމާލުކަމެއް ނުދެއްވާ ކަމަށް ކުރީ ސަރުކާރުގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، ރައީސް މިއަދު ރިޔާސީ ބަޔާން އިއްވެވި އިރު ހިޔާ މަޝްރޫގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނެވީތީ، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސްތަކާ ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން މިއަދު ސާފުވެވަޑައިގެންފި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ގުޅީފަޅު ޕޯޓް ހެދުން ކުރިއަށް ދާނެ ކަން އިއުލާން ކުރެއްވި ކުރެއްވުމަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގާއި އެކަމުގެ އުންމީދާ މެދު މި ސަރުކާރުގެ ސިޔާސަތު އޮތް ގޮތް ވަރަށް ސާފުވެގެން ދިޔަ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މީގެ ކުރިންވެސް ވަނީ ގުޅީފަޅުގައި ޕޯޓު އެޅުމުގެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގުޅީފަޅަކީ ރައިސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ވެސް ހައުސިން ޔުނިޓްތައް އެޅުމަށާއި ބޯހިޔާވަހިކަން ބޭނުން ވާނެ ފަރާތްތަކަށް ގޯތި ދޫކުރުމަށް ޕްލޭންކޮށްފައިވާ ތަނެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގެ އުންމީދެއް އޮތް ގުޅީފަޅު ޕޯޓަކަށް ހެދުމަށް މި ސަރުކާރުން ނިންމުމަކީ އެ މާލެ ރައްޔިތުންގެ އުންމީދުގައި ކޮޅުފައިން ޖެހުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިއަދު ރައްޔިތުން މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށެވެ. އޭގެ ތެރެއިން މިދިޔަ އަހަރު އަޅަން ފަށާނެ ކަމަށް އިއުލާން ކުރި 3000 ހައުސިން ޔުނިޓްގެ ތެރެއިން 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށަފައިވާ ކަމަށާއި އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވާނީ ސޮއިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުުން ވެސް އިތުރު 2000 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި އެހެންކަމުން ޖުމްލަ 5000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ތެރޭ ކުރިއަށް ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ބަޔާނުގައި ހިޔާ ފްކެޓްތަކާ ގުޅިގެން އެއްވެސް ވާހަކައެއް ރައީސް ނުދައްކަވައެވެ.