ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ، މި ޕްރޮގްރާމް އަމާޒު ކުރެވިފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް ކަމަށެވެ. އެގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދީގެން ހިންގާ މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށް އެކަނި ނޫން ކަމަށް ވެސް ދިރާގުން ބުނެއެވެ.

މާލޭގެ އިތުރުން އައްޑޫ އާއި ގދ. ތިނަދޫ އާއި އދ އަދި އއ އަތޮޅުގެ އިތުރުން ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެއެވެ އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން ބައިވެރިންނަނށް މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން މާކެޓިން، ސޭލްސް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ސީވީ އަދި ބޭނުންވާ އިތުރު ޑޮކިއުމެންޓްތައް މި މަހުގެ 10 ގެ ކުރިން ދިރާގުގެ ލިންކްއަށް ސަބްމިޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

2009 ގައި އަލަށް ތައާރަފް ކުރި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއް ނެތި ހިންގާތާ މިއީ 12 ވަނަ އަހަރެވެ. މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑު ކަމާ ގުޅިގެން ގޭގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވީ ނަމަވެސް، އެ އަހަރު ދަރިވަރުންގެ ޓްރެއިނިންތައް މެދުނުކެނޑި، އޮންލައިން ކޮށް ކުރިއަށް ގެންދިޔައެވެ. ހަމައެއާއެކު މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދެއެވެ.