ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި ހިދުމަތް ހޯދާ އެންމެހާ ފަރާތްތަކުން އޮންލައިން ކޮށް ހިދުމަތް ހޯދުމަށް އިލްތިމާސް ކުރާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން ބުނީ، އެ އޮތޯރިޓީއަށް ހުށަހަޅާ އެންމެހާ ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިން ކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައި ވާތީ، ހިދުމަތް ހޯދާ އެންމެހާ ފަރާތްތަކުން އޮންލައިން ކޮށް ހިދުމަތް ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހަމައެއާއެކު ރާއްޖޭގައި ކޮވިޑް 19 ފެތުރުން އިތުރުވެފައި ވާތީ، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޓެކްސް ޕެޔާ ސާވިސް ސެންޓަރާއި، ހުޅުމާލެ ކަލެކްޝަން ސެންޓަރުގެ ހިދުމަތްދޭ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެގޮތުން އެ ތަންތަނުން ހިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:15 އިން މެންދުރު ފަހު 12:00 އަށް ކަމަށް މީރާއިން ބުނެއެވެ.
މިހާރު އަމަލު ކުރަމުންދާ ގޮތަށް، މީރާގެ ސާވިސް ސެންޓަރުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ވެސް މީރާއިން ބުނެއެވެ. އެ އެޕްލިކޭޝަންތައް މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތް ނަމަ، މީރާގެ ފޯނު ނަންބަރު 3020460 އާ ގުޅައިގެން ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެއެވެ.
މީގެ އިތުރުން އެއްވެސް ފޯމެއް ހުށަހަޅަން ބޭނުންވާ ނަމަ، އެ ފޯމުގައި ވާ އީ-މެއިލް އެޑްރެހަށް ފޯމު އީ-މެއިލް ކުރުމަށާއި މައުލޫމާތު ސާފުކުރަން ބޭނުން ވާ ފަރާތްތަކުން ވެސް އެ އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ 9821415 މި ނަންބަރަށް ވައިބާ މެދުވެރިކޮށް މެސެޖް ކުރުމަށް ނުވަތަ އީ-މެއިލް ކޮށްގެން މައުލޫމާތު ސާފު ކުރުމަށް މީރާއިން އަންގައެވެ.