ސ. ގަމުގެ ދެކުނުގައި އުޅުނު ލަންކާގެ މަސް ބޯޓެއް ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓު އައްޑޫ އަތޮޅު ގަމުގެ ދެކުނު 15 ނޯޓިކަލު މޭލުގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ސަދާން އޭރިއަ ކޯސްޓް ގާޑް ސްކޮޑްރަންގެ އެފްއައިސީ ކާމިޔާބު ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓާ ބެހޭ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު ފަހު 2:27 ހާއިރު ކަމަށާއި އެ މައުލޫމާތު ދީފައި ވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ. މަރަދޫގެ "ރަސްކުރި" ނަމަކަށް ކިޔާ މަސް ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރު ބޭރުގެ އެ ބޯޓު ވަނީ ކޯސްޓް ގާޑުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ.

މި ބޯޓަކީ ރާއްޖޭގެ ސަރަހައްދުގައި ގަވާއިދަ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ. ނަމަވެސް އެއީ ލަންކާގެ މަސް ބޯޓެއް ކަމަށާއި އެ ބޯޓުގައި ތިބީ ލަންކާގެ 5 ފަޅުވެރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ދަނީ ބަލަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް މީގެ ކުރިން ވެސް ބޭރުގެ ބޯޓު ފަހަރުތައް އަތުލައި ގެންފައި ވެއެވެ. އަދި މި ކަމުގެ ރިޕޯޓް ގިނަ ފަހަރަށް އެމްއެންޑީއެފަށް ކުރަނީ ރާއްޖޭގެ މަސް ދޯނިތަކުންނެވެ. މިގޮތަށް އަތުލައި ގަންނަ ބޭރުގެ ބޯޓުތަކުން މަސްތުވާތަކެތި ފެންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ.