މާލޭގެ ބައެއް ސްކޫލުތަކުގައި ޓީޗަރުންނާއި ދަރިވަރުން ކޮވިޑް-19އަށް ޕޮޒިޓިވްވި ނަމަވެސް ޓީޗަރުންނަށް އެކަން ސިއްރުކުރަން، ސްކޫލުގެ އިސް ފަރާތްތަކުން މަޖުބޫރު ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މާލޭ ސްކޫލެއްގެ ޓީޗަރަކު ބުނީ އެ ސްކޫލުން ޕޮޒިޓިވްވެ މިހާރުވެސް 3 ޓީޗަރަކު ކަރަންޓީންގައި ތިބި ކަމަށެވެ. އަދި 2 ޓީޗަރަކު ޕޮޒިޓިވްވެ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު އެނބުރި ކިޔަވައިދިނުމަށް ސްކޫލަށް ނިކުމެފައިވާ ކަމަށެވެ.

އެ ޓީޗަރުންނާ ކޮންޓެކްޓްވެ ބައެއް ދަރިވަރުންވެސް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް ޕޮޒިޓިވްކަމާއި ކޮންޓެކްޓްވިކަންވެސް ސިއްރުކުރުމަށް ސްކޫލުގެ އިސް ފަރާތްތަކުން ބުނެފައިވާ ކަމަށް އެޓީޗަރު މައުލޫމާތު ދިނެވެ.

ބައެއް ޓީޗަރުން ޕޮޒިޓިވް ވީމާ ގޭގަ މަޑުކުރާނެދޯ، ދެން އެ ޓީޗަރު ސްކޫލަށް ކިޔަވައިދޭން ނައީމަ ޕޭރެންޓުން އަހާނެ ކީއްވެހޭ ނާންނަނީ، މެނޭޖްމެންޓުން އަންގާފަ އޮންނަނީ ޕޮޒިޓިވް ވިޔަސް ޕޭރެންޓުން ކައިރީ ބުނާށޭ ރޯގާ ޖެހިފަ ނުވަތަ ހުން އައިސް ހުންނާތީ ސްކޫލަށް ނާންނަނީއޭ
ޓީޗަރެއް

ނަމަވެސް އެ ސްކޫލުން ވަނީ އެކަން ދޮގުކޮށްފައެވެ. ސްކޫލުން ޕޮޒިޓިވް ވެފައި ނުވާ ކަމަށައި ޕޮޒިޓިވް ވަނީ ސްކޫލުން ބޭރުން ކަމަށް މައުލޫލާތު ދެއެވެ. އަދި ޕޮޒިޓިވް ވުމުން ސިއްރު ކުރުމަށް އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމަށްވެސް ސްކޫލުން ބުނެއެވެ.

އެހެން ސްކޫލަކުން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ އެ ސްކޫލުގެ ޓީޗަރަކާއި ކޮންޓެކްޓްވެ ދަރިވަރުންތަކެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ޓީޗަރު ޕޮޒިޓިވް ކަން އެނގުނީ ކޮންޓެކް ޓްރޭސިން ހެދުމުގެ ތެރެއިން އެ ބެލެނިވެރިޔާއާ ދިމާވެފައި ހުރުމުން ކަމަށެވެ.

އެކަމާ ގުޅިގެން އެ ސްކޫލުގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރިނަމަވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

އެހެރީ ސްކޫލުތަކުން ކަންތައް ކުރާ ގޮތް، އަޅުގަނޑު މިހާރު މި ހުރީ ކަރަންޓީންގަ، ޓީޗަރު ޕޮޒިޓިވް ކަން އެނގުނީ ކޮންޓެކްޓް ޓްރޭސިން ހެދިއިރު އަޅުގަނޑާ ދިމާވެފަ ހުރީމަ، ސްކޫލުން ބުނެފަ އޮންނަނީޔޯ ޕޮޒިޓިވް ވިޔަސް ނުބުނާށޭ، ސިއްރު ކުރާށޭ، ކުދިން ކިޔަވަން ސްކޫލަށް ނުފޮނުވަފާނެތީ އެޑިއުކޭޝަނުން ބުނެފަ އިންނަނީ ކަންނޭގެ އެހެން ހަދަން މެނޭޖްމެންޓްގަ
ބެލެނިވެރިއެއް

.އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއްވެސް ސްކޫލަކަށް ޕޮޒިޓިވްކަން ސިއްރު ކުރަން އަންގާފައި ނުވާނެ ކަމަށައި އަދި އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ޕޮޒިޓިވް ވުމުން ކޮންޓެކްޓް ވެފައިވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެންގުމަށް މިނިސްޓްރީންވެސް އެދިފައިވާނެ ކަމަށެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ބުނީ މިހާތަނަށް އެފަދަ ހާދިސާއެއް އެއްވެސް ސްކޫލެއްގައި ހިނގާފައިވާ ކަމުގެ މައުލޫލާތު ލިބިފައި ނުވާ ކަމަށެވެ. ހިނގާފައިވާ ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހުރިހާ ކޮންޓެކްޓުން ފާހަގަ ވާނެ ކަމަށާއި އެއީ ސްކޫލެއް ވިޔަސް ނުވަތަ އެހެން ތަނެއްގެ މެނޭޖްމެންޓުންވެސް ސިއްރު ކޮށްފާނެ ކަމަށް ގާބޫލު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ޕޮޒިޓިވް ވެއްޖާ ހަމަ ބުނަންވާނެ، އަޅުގަނޑުމެންގެ ރިކޮމެންޑޭޝަނަކީ ބުނަން ވާނޭ ހަމަ، އެއީ ޕޮޒިޓިވް ވެފަ ކޮންޓެކްޓް ވެފަ، އެޗްޕީއޭގަ ބުނެފަ އިނިއްޔާ އެޗްޕީއޭން ކޮންޓެކްޓް ޓްރޭސިން ހަދާއިރު ބުނާނެ ހަމަ
އެޗްއިއޯސީ

ސްކޫލުތަކުން ޕޮޒިޓިވްވެ އެކަން ސިއްރު ކުރަމުންދާ ކަމަށް ބައެއް ސްކޫލުތަކުގެ ޓީޗަރުންނާއި ބެލެނިވެރިން ބުނެފައި ވާއިރު، ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ތަކުރާރުކޮށް ވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަ ކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕޮޒިޓިވްވި ސްކޫލު ދަރިވަރުންގެ ތެރޭގައި ސްކޫލަށް ދާ ކުއްޖަކު ނުހިމެނޭ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ސްކޫލްތައް ހުޅުވައިގެން ކިޔަވައި ދެމުން ދާއިރު، އެޗްއޯސީން ބުނެފައި ވަނީ ސްކޫލުތަކަކީ އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ތަންތަން ކަމަށެވެ. ރާއްޖޭގެ ސްކޫލުތަކުގައި 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ގައެވެ.

ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް އިތުރު ވެފައިވާއިރު، މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތަކުގައި ކިޔަވައިދިނުން ހުއްޓާލައިފައި ވަނީ މި މަހުގެ 2 ވަނަ ދުވަހެވެ. އެގޮތުން ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތްދޭ ތަންތަން 2 ހަފްތާއަށް ބަންދު ކުރުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

ޔުނިވާސިތީތަކާއި ކޮލެޖުތަކުގެ ކިޔެވުން ވެސް އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. ނަމަވެސް ޕްރައިމަރީ އާއި ސެކަންޑަރީ ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން ނިންމާފައެއް ނުވެއެވެ.