ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާން ޓެކްސީއަށް ދޭން ޖެހޭ އަގު ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ޓެކްސީ ދަތުރު ކުރާނަމަ ނަގަން ޖެހޭނީ 90 ރުފިޔާ ކަމަށެވެ. އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދަތުރު ކުރާނަމަ ނަގަން ޖެހޭނީ 40 ރުފިޔާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އަދި ހުޅުލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ދަތުރުތަކަށް ނަގަން ޖެހޭނީ 75 ރުފިޔާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މިމަހު 10 ވަނަ ދުވަހުން ފެށިގެން ޓެކްސީ އަގުތަކަށް ބަދަލު ގެންނަ އިރު، މާލެ-ހުޅުމާލެ، މާލެ-ހުޅުލެ އަދި އެތެރޭގެ ދަތުރުތަކަށް ނަގަމުން ދާނީ ކުރިން ވެސް ނަގަމުން އައި އަގެވެ. އެއީ މާލެ-ހުޅުމާލެ 75 ރުފިޔާ، މާލެ-ހުޅުލެ 60 ރުފިޔާ އަދި އެތެރޭގެ ދަތުރު ތަކަށް 25 ރުފިޔާއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާން ޓެކްސީއަށް ދޭން ޖެހޭ އަގު ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައި ވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހި ހުޅުވި ފަހުން އެތަނަށް ދަތުރު ކުރުމަށް ވަކި އަގެއް ކަނޑައަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ޓެކްސީ ޑްރައިވަރުން ދަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރު ކުރާނަމަ 150 ރުފިޔާ ވެސް ނަގަމުންނެވެ.

ދެވަނަ ފިޔަވައްސަށް ދަތުރު ކުރަން އަގެއް ކަނޑައަޅާފައި ނުވާތީ ގިނަ ޓެކްސީ ޑްރައިވަރުން ނަގަނީ 100 ރުފިޔާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.