މާލެ ސަރަހައްދުގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއު ވަގުތުގައި ޒަރޫރީ ބެނުންތަކަށް އެއްތަކުން އަނެއްތަނަށް ދަތުރުކުރުމަށް ކޮންމެ ޓެކްސީ ކުރާ ސެންޓަރަކަށް 10 ހުއްދަ ދީފައެވެ.

މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ހެޑް އޮސް ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އެއިން ކޮންމެ ސެންޓަރަކުން 10 އުޅަނދު މި ކާފިއު ގަޑިތަކުގައި ޒަރޫރޫ ބޭނުންތަކަށް ދާން ބޭނުންވާ ފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑް 19 އާއި ގުޅިގެން ޕަބްލިކް ޓްރާސްޕޯޓްގެ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕަބްލިކް ޓްރާސްޕޯޓްގެ އެންމެ ފަހުން ހިދުމަތް ދެވޭނެ ގަޑި އަކީ 10:30 ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

ސަމީރު ވިދާޅުވި ގޮތުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ކާފިއު ވަގުތުތަކުގައި އުޅަނދުތައް ދުއްވޭނެ ކަމަށެވެ. އަދި އެ މުވައްޒަފުން ވަޒީފާ އަދާކުރާތަން ދޭހަވާނެހެން ކާޑް ގެންގުޅުމަށް ވެސް ސަމީރު ވަނީ އެދިފައެވެ.

ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން މާލެ ސަރަހައްދުގައި ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ރޭގަނޑު 8:30 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ އިރު، ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އެވެ.

ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުންނެވެ.