ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މާދަމާ ކޮވިޑް-19އަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓްއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށާއި ޓޫރިޒަމް ދާއިރާގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ޖެހުން އަވަސް ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހުޅުވާލާފައެވެ. އެގޮތުން ރިސޯޓު މުވައްޒަފުން ވެކްސިން ޖެހުމަށް ބޭނުންވާ ނަމަ އެމީހާގެ ނަމާއި އުފަން ތާރީހާއި އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް އަދި މަގާމާއި ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ހިމެނޭ ހެން މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ބިދޭސީ މުވައްޒަފުން ރަޖިސްޓްރީ ވާން ބޭނުން ނަމަ ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ހިމަނަން ވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މިމަހު 9 ވާ އަންގާރަ ދުވަހުގެ ކުރިން މިމައުލޫމާތު ފުރިހަމަ ކުރުމަށް ފަހު މިނިސްޓްރީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބެނުންވާ ނަމަ 3022245 އަށް ގުޅުމަށް ނުވަތަ މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ މިމަހު އެއް ވަނަ ދުވަހުއެވެ. އެގޮތުން ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނުގެ 100،000 ޑޯޒެވެ. ކޮންމެ މީހަކަށް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެތީ 100،000 ޑޯޒް ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ އާ އެކު އެއްބަސްވުމެއް ހަދާފައެވެ. އަދި ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި، ޗައިނާ ވެކްސިންގެ 5000 ޑޯޒް ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

އިއްޔެ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި އަދި ދެނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.