ބޭންކުގެ ބައެއް ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ލަސް ވެދާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން ޝިފްޓް ޑިއުޓީ އާއި ވަކިވަކި ޓީމް ތަކަށް ބަހާލައި އަދި ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެންނާއި އަދި ޝިފްޓް ޑިއުޓީގައި އުސޫލުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެހެން ކަމުން ބައެއް ހިދުމަތްތައް ދިނުމުގައި ލަސްވެދާނެ ކަމަށް ބިއެމްއެލް އިން ވަނީ ބުނެފައެވެ.
ލަސްވެދާނެ ހިދުމަތްތައް:
- އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އެކައުންޓް ހުޅުވުން
- ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން
- ލޯކަލް ބޭންކް ޓްރާންސްފާ (އޭސީއެޗް، އާރްޓީޖީއެސް، އަދި އެމްއާރްޓީޖީއެސް)
- ކާޑު ޕްރޮސެސް ކުރުން
- ޗެކް ޕްރޮސެސް ކުރުން
- ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން)
- ރަށްރަށުގައި ބެހެއްޓިފައިވާ އޭޓީއެމް ސާވިސް ކުރުމުގެ މަސައްކަތް
- ކަސްޓަމަރުންނަށް މައުލޫމާތު ދިނުމާއި ޖަވާބު ދިނުން
ބީއެމްއެލް އިން ވަނި ބޭންކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އާ އެއްގޮތަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ޑިޖިޓަލް ބޭންކިން އަދި ސެލްފް ސާވިސް ޗެނަލްތައް މެދުވެރިކޮށް ހިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރުމަށް ބީއެމްއެލް އިން ވަނި އެދިފައެވެ.