އެކަނި ކުރާ ކަސްރަތުތައް ފިޔަވާ، ގްރޫޕް ކަސްރަތާއި ކުޅިވަޅު ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތައް ބަަންދުކުރި ނަމަވެސް އޭގެ ތެރެއިން ކަސްރަތު ކުރުމަށް ކަނޑައަޅާފައި ވާ ޕާކުތަކާއި މައިޒާންތައް ކަސްރަތު ކުރާ ފަރާތްތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އެކަނި ކުރާ ކަސްރަތު ފިޔަަވައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުތައް ކުރިއަށް އޮތް ދެ ހަފްތާއަށް ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ.

ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަސްރަތު ކުރުމުގައި އެކުގައި ދިރިއުޅޭ މީހަކަށް ބައިވެރި ވެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު އެޗްޕީއޭއިން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ކުރިއަށް އޮތް 2 ހަފްތާގައި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

އޭގެ އިތުރުން މާދަމާ ރެއިން ފެށިގެން ރޭގަނޑު 08:30 އިން ފަތިހު 04:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.

ހަމައެހެންމެ ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތް ދޭ ތަންތަން ވެސް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޔުނިވާސިތީތަކާއި ކޮލެޖުތަކުގެ ކިޔެވުން ވެސް އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަކީ ވެސް މަޖުބޫރު ކަމެއްގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން ދާއިރު އިއްޔެ އެކަނިވެސް 200 އަށް ވުރެ ގިނަ މީހުން ކޮވިޑަަށް ޕޮޒިޓިވް ވެފައި ވެއެވެ.