ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ހުޅުމާލެ ޖަލުން އިއްޔެ 56 އަހަރުގެ ގައިދީއެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ގައިދީ ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ މިވަގުތު ވަނީ ކަރަންޓީން ފެސިލިޓީއަށް ބަދަލު ކޮށްފައި ކަމަށާއި ހުޅުމާލެ ޖަލު ވަގުތީ ގޮތުން ލޮކްޑައުން ކޮށް، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ޖަލުން ގައިދީއަކު ޕޮޒިޓިވް ވެފައި ވާއިރު، މީގެ ކުރިންވެސް އެ ޖަލުން ވަނީ ގިނަ ބަޔަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ގައިދީންނާއި އޮފިސަރުން ހިމެނެއެވެ.

އިއްޔެއަކީ މިފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނި 215 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ،

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16،056 އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،190 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1807 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 184 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް ޖެހިގެން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. މި ކޭސްއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 52 އަށް އަރަފައެވެ. އެއީ 45 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ޕިލިޕީންސް މީހެކެވެ. ނިޔާވި 52 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.