މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް-19 ބަލިމަޑުކަމާއެކު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މި ބަލިމަޑުކަމުން އަރައިގަތުމުގެ ފުރަތަމަ ފިޔަވަޅު އެޅީ މިއަދެވެ. ކޮވިޑް-19 އިން ދިފާއު ހޯދުމަށް ތައްޔާރު ކުރި ވެކްސިން މިއަދު ރާއްޖޭގައި ޖަހަން ފެށީއެވެ. ރާއްޖެއަށް އަވައްޓެރި އިންޑިއާއިން ހަދިޔާކުރި އެއް ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާއާއެކު ވެކްސިންގެ މަސައްކަތް މިއަދު ފަށައިގަތީ ފޯރިއާ އަޒުމުގައެވެ.
ނަމަވެސް، މި ވެކްސިނާ މެދު ޝައްކު އުފެދޭ ބަޔަކު ވެސް އެބަ އުޅެއެވެ. އިންޑިއާއިން ތައްޔާރުކޮށް ހަދިޔާ ކުރީތީ އޮތް ޒާތީ ކަމެއް ކަމަށް ވެސް ވެދާނެއެވެ. ނުވަތަ މިހާ ކުރު މުއްދަތެއްގައި ތައްޔާރު ކުރި ވެކްސިނަކަށް ވީތީ އުފެދޭ ޝައްކެއް ކަމަށް ވެސް ވެދާނެއެވެ. ބައެއް ރައްޔިތުންގެ މެދުގައި ހުރި މި ހިތްނުތަނަވަސް ކަމަށް ހައްލު ހޯދައި ދިނުމަށް، ވެކްސިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، ދައުލަތުގެ ތިން ބާރުގެ އެންމެ މަތީ ވެރިން މިއަދު ވެކްސިން ޖެއްސެވިއެވެ.
ތިން ބާރުގެ ވެރިން ވެސް ވެކްސިން ޖެއްސެވީ މީޑިއާގެ ހާޒިރުގައި ކެމެރާތަކުގެ ކުރިމަތީގައެވެ. ބައެއް ކެމެރާތަކުން އެ މަންޒަރު ވީޑިއޯ ކުރަމުން ދިޔައިރު، ބައެއް ކެމެރާތަކުން ދިޔައީ ވެކްސިން ޖަހާ މަންޒަރު ފޮޓޯ ނަގާ ތާރީހުގެ ތެރޭގައި ފޮރުވަމުންނެވެ. އެހެނަސް މިކަމުގައި ވެސް ޝައްކު އުފައްދާ ބަޔަކު ދިޔައީ ޝައްކު އުފައްދަމުންނެވެ.
ރައީސް ސޯލިހް ޖެއްސެވީ ރާއްޖެއަށް ފަރުދާގެ ފަހަތުން ސިއްރިއްޔާތުގައި ގެނައި ފައިޒާ ވެކްސިނެއް ކަމަށާއި، އެއީ ކޮވިޝީލްޑް ނޫން ކަމަށް ބުނެއެވެ. ރައީސް ސޯލިހް ޖެއްސެވި ވެކްސިންގެ ވައިލް ވައްތަރީ ފައިޒާ ވެކްސިނާ ކަމަށެވެ. އަދި ކޮވިޝީލްޑް ވެކްސިނާ އެ ވެކްސިންގެ ވައިލް ތަފާތު ކަމަށް ބުނެއެވެ.
ނަމަވެސް، ދެ ވެކްސިންގެ ވައިލްގައި އެ ބުނާފަދަ ތަފާތެއް ފެންނާކަށް ނެތެވެ. ދެން އޮތް ކަމަކީ، ރައީސް ސޯލިހް ޖެއްސެވީ ފައިޒާ ވެކްސިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު އެ ކުރާ ފޮޓޯއަކީ އެއީ އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ، އޭނާގެ ގަޔަށް ޖެހި ވެކްސިންގެ ވައިލް (ފުޅި) ކަމަށް ވިދާޅުވެ ޓްވިޓާގައި ހިއްސާ ކުރެއްވި ފޮޓޯއެކެވެ.
އޮޅުވާ ނުލައްވާށެވެ. ކެމެރާތަކުގެ ކުރިމަތީގައި ރިކޯޑް ވަމުން ދިޔަ އެ މަންޒަރު އޮޅުވައެއް ނުލެވޭނެއެވެ. ނޫސްވެރިން ޖަމާވެ، ތާރީހަށްޓަކައި ނަގައި ފޮރުވި އެ މަންޒަރު ހެއްކަކަށް ފުދެއެވެ. ރައީސް ސޯލިހް ޖެއްސެވީ ހަމަ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ.
ހަނދު އިރައިން ދިޔަތަން ފެނުމުންވެސް މުނާފިޤުންބުނީ އެއީ ސިޙުރޭ..
އަހަރުމެނަށް ކީއް ކޮންމެ އެއްޗެއް ހިންނަވަރު ބޫ ގަޔަށް ޖެހިއަސް.