އުތުރު ތިން އަތޮޅެއްގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިންގް ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގެ ފުރަތަމަފިޔަވަހީގެ ސާވިސް އެގްރިމެންޓްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ތިލަދުންމަތީ އުތުރު ބުރި (ހއ)، ތިލަދުންމަތީ ދެކުނު ބުރި (ހދ) އަދިމި ލަދުންމަޑުލު އުތުރު ބުރީގައި (ށ) ގައެވެ. އެގޮތުން އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ހިދުމަތް އަންނަ ނޮވެމްބަރު މަހުގައި އެ ތިން އަތޮޅުގައި ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މި ފިޔަވަހީގެ ޖުމްލަ އިންވެސްޓްމެންޓަކީ 157 މިލިއަން ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީޏް ބުނެއެވެ. އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ މި މަސައްކަތް ފެށުމުގެ ގޮތުން ސަރުކާރުން އިންވެސްޓް ކުރުމަށް އެއްބަސްވެފައިވާ އަދަދު ކަމަށް ބުނެއެވެ.

އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އިމާދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.