ގއ. ދެއްވަދޫ މޮނީޓަރިން ހާލަތުން ނަގައިފިއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
ދެއްވަދޫން ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓީނުން ދޫކޮށްލި ފަހުން ނަތީޖާ ޕޮޒިޓިވް ވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވް ކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅުން ހުރި ކޭސްތަކުގެ އަދަދު 85 އަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ދެއްވަދޫ އިން ޕޮޒިޓިވީ 69 މީހުންނެވެ.
ގއ. ދެއްވަދޫގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އައި އިރު ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ އަތޮޅު ވިލިނގިލި އައި ދާންދޫ އާއި ލ. ފޮނަދޫ އަދި ހުޅުމާލެއިން ވަނީ ކޭސްތަކެއް ފެނިފައެވެ.
ދެއްވަދޫ މޮނީޓަރިން ހާލަތުން ނަގާފައިވާއިރު މިވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ އއ. މަތިވެރި އާއި ހއ. މުރައިދޫ އަދި މ. ކޮޅުފުއްޓެވެ.