ކޮވިޑް-19އަށް ތައްޔާރު ކޮށްފައިވާ ވެކްސިނަކީ ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މިއަދު މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދެވޭނެ ކަމަށެވެ.

އަދި މި ވެކްސިނަކީ ކޮވިޑާ ގުޅިގެން ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން
ރައީސް ސޯލިހު

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެ ދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައި ވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ މާހިރުންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތިން ރާއްޖޭގައި އަޅަމުން ދިޔަ ފިޔަވަޅުތަކާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައި ވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ 6 ސަރަަހައްދެއްގައި ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން އައިޖީއެމްއެޗް އާއި އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުސީ ރީޖަނަލް ހޮސްޕިޓަލް ވެސް ހިމެނެއެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ހާއްސަ ކޮށްގެން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ.