ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 105 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 88 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 12 މީހެއްގެ އިތުރުން ލިވަބޯޑަކުން އެކަކު ކަމަށެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،841 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 43 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،139 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1644 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 163 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިއަދު ރާއްޖެއިން ކޮވިޑް ޖެހިގެން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. މި ކޭސްއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 52 އަށް އަރަފައެވެ. އެއީ 45 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ޕިލިޕީންސް މީހެކެވެ. ނިޔާވި 51 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ.
ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން މި މަހުގެ 27 ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާވެސް އިއުލާންކޮށްފައެވެ. އެ ގޮތުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު ވަގުތު ގޮތުގައި ވަނީ އިއުލާންކޮށްފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ފަތުރުވެރިން ފިޔަވާ އަންނަ ބިދޭސީންނާއި ދިވެހިން ވެސް މިހާރު ވަނީ ކަރަންޓީން ވާން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.