ސީރަމް އިންސްޓިޓިއުޓް (އެސްއައިއައި) އަކީ މިއަދު ދިވެހި ދޫތަކަށް ފަސޭހަ ނަމެކެވެ. ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓަޑަކީ މިއަދު ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ކުންފުންޏެވެ. ޕޯލިއޯ، ޑިޕްތީރިއާ (ކަރުފޮޅު)، ޓެޓަނަސް، ބީސީޖީ، އާރް ހެޕަޓައިޓިސް ބީ، މީސަލްސް (ހިމަބިހި)، ކޯފުއްޕިއާއި ރުބެއްލާ ފަދަ ބަލިތަކުން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރުމުގައި އެސްއައިއައި ޖަހާލާފައި އެރޭނެ ކުންފުންޏެއް އަދި ނުފެނެއެވެ.

ސީރަމް އިންސްޓިޓިއުޓްގެ ވެކްސިން ޑޯޒްތަކަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ބަލައިގަންނަ ޑޯޒްތަކެކެވެ. 170 އަށް ވުރެ ގިނަ ގައުމުގައި ކުރިއަށް ގެންދާ މާސިންގާ ވެކްސިން ކެމްޕޭން ތަކުގައި ވެސް ސީރަމް އިންސްޓިޓިއުޓްގެ ވެކްސިން ބޭނުން ކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޖުމުލަ ގޮތެއްގައި ބަލާއިރު، 65 ޕަސެންޓް ކުޑަ ކުދިންނަކީ، އުމުރުން 1 ފަހަރު ނަމަވެސް ސީރަމް އިންސްޓިޓިއުޓްގެ ވެކްސިން ޑޯޒްއެއް ބޭނުން ކޮށްފައި ވާނެ ކުއްޖެކެވެ.

1 ނަންބަރު މެޑަލް

އަވަށްޓެރި އިންޑިއާގެ 1 ނަންބަރު، ބައޮޓެކް ކުންފުނީގެ ޝަރަފު އޮންނަނީވެސް ސީރަމް އިންސްޓިޓިއުޓްގެ މެޑަލް ލޯގަނޑުގައެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ސީރަމް އިންސްޓިޓިއުޓް އިން އުފައްދާ ވެކްސިންތަކުގެ އެހީގައި، އެތައް މިލިއަން ފުރާނައެއް ސަލާމަތް ކުރުމަށް މަގު ތަނަވަސް ވެއެވެ.

ސިނާއީ ފެންވަރުގައި ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ލެބެއް / ފޮޓޯ: ބްލޫމްބާގް ކުއިންޓް

ޑރ ސައިރަސް ޕޫނަވައްލާގެ މޭސްތިރިކަމުގެ ދަށުން، 1966 ވަނަ އަހަރު ސީރަމް އިންސްޓިޓިއުޓް އުފެއްދީވެސް، ބައޮލޮޖީގެ ރޮނގުން ދިފާއުތަކެއް ހޯދައިގެން، ފުރާނަ ސަލާމަތް ކުރަން އެހީވެދެނިވި ފަރުވާތަކެއް ހޯދުމުގެ މަގުސަދުގައެވެ. އޭރު އިންޑިއާއަށް މިފަދަ ތަކެތި އިމްޕޯޓް ކުރަމުން ދިޔައީ އިންތިހާ ބޮޑު އަގުގައި ކަމުން، މާލީ ގޮތުންވެސް ހިންދެމިލާނެ ފުރުސަތެއް އެ ގައުމަށް ހޯދާދިނުމުގެ އަމާޒުގައެވެ.

ސީރަމް އިންސްޓިޓިއުޓްގެ އެއް އަމާޒަކީ، ވެކްސިންގެ އަގުތައް އަތް ފޯރާ ފަށުގައި ބެހެއްޓުމެވެ. އަދާ ޖެހުނުއިރުވެސް އެކުންފުނިން އެކަން ކަށަވަރު ކުރެއެވެ. މަންފާ އޮތީ ހަމައެކަނި އިންޑިއާއަކަށް ނޫނެވެ. ބޮޑު ލާރީގައި ހުނިޖަހައިގެން ނުވަތަ އެއް ލާރި ދެރާލިއަށް ހަދަން ލޯބޯ ފިއްސައިގެން ދިރިއުޅެން ޖެހިފައިވާ ކޮންމެ ގައުމަކަށްވެސް މި ކަމުގެ ފައިދާ އިންތިހާއަށް ކުރެއެވެ.

މި އަމާޒުގައި ކުރިއަރަމުން ގޮސް ބައިނަލްއަގުވާމީ މައިދާންތައް ފަތަހަ ކުރުމުގައި ފަސް ޖެހުމެއް ނެތި ސީރަމް އިންސްޓިޓިއުޓްއިން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ނެދަލަންޑްސްގެ ބިލްތޯވަން ބައޮލޮޖިކަލްސްވެސް ސީރަމްގެ ފިޔައިގެ ދަށަށް ގެނައެވެ. މިއާއެކު، ކުޑަކުދިންނަށް ހާއްސަ ކޮށްގެން ވެކްސިން ފޯރުކޮށްދިނުމަށް ސީރަމްއިން ދޭ އަހަމިއްޔަތުކަން އިތުރަށް ފުޅާ ކުރެވުނެވެ. ވިލާތުގެ މާކެޓްތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ކަން ލިބި، ދުނިޔޭގެ 1 ނަންބަރު ގައުމުތަކުންވެސް ބަލައިގަންނަ ކުންފުންޏަކަށް ސީރަމް އިންސްޓިޓިއުޓް ވިއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ކޮވިޑް ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ދުނިޔޭގެ ފެންވަރުގެ ފެސިލިޓީތައް

ސީރަމް އިންސްޓިޓިއުޓްގެ ލެބޯޓްރީތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާ ކޮށްފައިވާ ތަންތަނެވެ. ފުރާނަ ސަލާމަތް ކުރުމާއި ގުޅިފައިވާ ޓެސްޓު ކުރުމާއި ސިނާއީ ފެންވަރުގައި ވެކްސިން އުފެއްދުމުގެ މަރުހަލާތައްވެސް ވަނީ އެންމެ ޒަމާނީ ފެންވަރަށް ކޮމްޕިއުޓަރައިޒް ކޮށްފައެވެ. ސީރަމް އިންސްޓިޓިއުޓްގެ ފުރާޅުގެ ދަށުން ހިންގާ ކޮންމެ ފެސިލިޓީއަކީ ގަވައިދުން އަދާހަމަކޮށް، ސިއްހީ ދާއިރާތަކުން ކަނޑައަޅާ އެންމެ ފަހުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުންނަ ފެސިލިޓީތަކެކެވެ.

ޓެކްނޮލޮޖީގެ ރޮނގުން ސީރަމް އިންސްޓިޓިއުޓް ހޯދަމުން އަންނަ ކުރިއެރުންތައް މިފަދަ ލިޔުމެއްގައި ތަފްސީލު ކުރަން ދައްޗެވެ. ހުލާސާއެއް އަޅަނީނަމަ، ވެކްސިނެއް އުފައްދަން އާންމު ގޮތެއްގައި ބޭނުން ކުރާ ވައިރަސްތައް ގެންގުޅުމަށް، ސީރަމް އިންސްޓިޓިއުޓް އިން ބޭނުން ކުރަނީ ރޮބޮޓް ޓެކްނޮލޮޖީ ކަން ފާހަގަ ކުރަންޖެހެއެވެ. މި ނޫންވެސް ގޮތް ގޮތުން ވެކްސިނާ ގުޅޭ ފަންނީ އެކި މަރުހަލާ ތަކަކީ އޮޓޮމޭޓް ކޮށްފައިވާ މަސައްކަތް ތަކެކެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ސާފުތާހިރު ކަމުގެ މިންގަނޑު އެންމެ މަތީ ދަރަޖައަށް ފައްކާ ކޮށްފައިވާ ސީރަމް އިންސްޓިޓިއުޓްގެ ފެސިލިޓީތަކަކީ މިނެޓަކު 500 ކޮންޓޭނަރުގެ އުފެއްދުން ނެރެވޭ ވަރުގެ ހަލުވި ފެސިލިޓީ ތަކެކެވެ. ކޮންމެ ވައެލް އެއް ވެސް ފުރިހަމަ ކުރަނީ ޕޮއިންޓް ތިނެއްގެ ޑިޖިޓަށް ވެސް ސަމާލުކަން ދީގެންނެވެ.

އިންސާނާގެ ހަމަ ލޮލަށް ނަގައި ނުގަނެވޭ ކުދިކުދި މަހުލޫގުތައް ދެނެގަނެވޭނެ ފަދަ ސްކްރީނިންގް ޓެކްނޮލޮޖީ ގާއިމު ކޮށްފައި ވާ ސީރަމް އިންސްޓިޓިއުޓްގައި ހިންގާ އިންސްޕެކްޝަން ތަކަކީވެސް އޮޓޮމޭޓް ކޮށްފައިވާ މަސައްކަތެކެވެ. މިފަދަ ފެސިލިޓީ ތަކަކީ ކަމާ ބެހޭ ފަރާތްތަކުގެ ސިއްކަ ލިބިފައިވާ ފެސިލިޓީ ތަކެއް ކަމުން، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އެކި މަރުކަޒުތަކުގައި ވެކްސިން އުފެއްދުމުގެ ގާބިލުކަންވެސް ސީރަމް އިންސްޓިޓިއުޓް އަށް ލިބިގެން ވެއެވެ. ބައިނަލްއަގުވާމީ ކާރިސާއެއް އުފެދި، ބޭނުން ޖެހިއްޖެ ހިނދެއްގައި އެކަމަށް ކޭޓާ ކުރުމަށް ސީރަމް އިންސްޓިޓިއުޓް އޮންނަނީ ތައްޔާރަށެވެ.

އެންމެ މަތީ ފެންވަރުގެ ކަށަވަރުކަން

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ހުންނަން ޖެހޭ ފެންވަރު ކަނޑައަޅާފައި ވަނީ އިންޑިއާގެ އިހުތިސޯސަށް ވުރެ މާ ބޭރުންނެވެ. މުޅި ދުނިޔެވެސް ބަލައިގަންނަ ދަރަޖައަށެވެ. ހަށިގަނޑަށް ކަށި ހަރައިގެން ޖަހާ ވެކްސިން އުފެއްދުމަށް ސީރަމް އިންސްޓިޓިއުޓް އެންމެ ފަހުން ތައްޔާރު ކުރި އެއް މަރުކަޒަކީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެސް ބަލައިގަންނަ ފެންވަރުގެ ތަނެކެވެ.

ސީރަމްގެ މަރުކަޒު ތަކުން ނިކުންނަ ވެކްސިން ޑޯޒްތަކަކީ، ކޮލިޓީ ރަނގަޅު، ސާފު ތާހިރު، ބައްޔާ ދެކޮޅަށް ކާމިޔާބު ލިއްބައިދެނިވި، ރައްކާތެރި ޑޯޒްތަކެކެވެ. ކޮލިޓީ ކޮންޓްރޯލް ކުރުމަކީ ސީރަމް އިން އެންމެ ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ އެއް ކަންތަކެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް އަޕްގްރޭޑް ކޮށް، ގަވައިދުން ސިއްކަ ހޯދައެވެ.

ދިވެހިންނަށް ފަރިތަ

އެއް ބަޔަކަށް މިއީ އުއްމީދު އާވެ، ދިރިއުޅުމަށް އާ ހިތްވަރެއް ލިއްބައިދިން ޓަތްކަކަށް ވީއިރު، އަނެއް ބަޔަކަށް މި ޓަކިން އިވުނީ ސިޔާސީ ބެރެއްގެ އަޑު ފަދަ. އެބަޔަކު ނަށަން ފެށީވެސް އެ ބެރަށް. ހަމައެއް ލަމައެއް ނެތި. ގަވައިދެއް އުސޫލެއް ބެލުމެއް .ނެތި. ހޭލަމޭލައަށް ދުވަން ފެށީ، އަވަށްޓެރިޔާ ޒަހަރު ދޭން އުޅޭ ފަދަ މޭރުމަކުން

ސީރަމް އިންސްޓިޓިއުޓްގެ ނަން މި ފަހަކަށް އައިސް ދިވެހި މުޖުތަމައުން އިވެން ފެށީ، ދިރިއުޅުން، އެފުށް މި ފުށަށް ޖަހާލި ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން މިންޖުވާނެ ދުވަހެއްގެ ފޮނި އިންތިޒާރުގައި ތިއްބާ، ދިވެހިރާއްޖޭގެ މައި ދޮރޯށީގައި ސީރަމް އިންސްޓިޓިއުޓްގެ ވެކްސިން ޑޯޒްތައް ޓަކި ދިން ހިސާބުންނެވެ.

ސްރީލަންކާގެ ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން / ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

އެއް ބަޔަކަށް މިއީ އުއްމީދު އާވެ، ދިރިއުޅުމަށް އާ ހިތްވަރެއް ލިއްބައިދިން ޓަތްކަކަށް ވީއިރު، އަނެއް ބަޔަކަށް މި ޓަކިން އިވުނީ ސިޔާސީ ބެރެއްގެ އަޑު ފަދައެވެ. އެބަޔަކު ނަށަން ފެށީވެސް އެ ބެރަށެވެ. ހަމައެއް ލަމައެއް ނެތިއެވެ. ގަވައިދެއް އުސޫލެއް ބެލުމެއް ނެތިއެވެ. ހޭލަމޭލައަށް ދުވަން ފެށީ، އަވަށްޓެރިޔާ ޒަހަރު ދޭން އުޅޭ ފަދަ މޭރުމަކުންނެވެ.

ބަޔަކު ކިޔާހާ އަންބާއެއްގެ އެއްކޮޅުގައި ހިފައިގެން، ކިއޭ ނުކިއޭ ނޭނގޭ ގޮވެލިފައްޗެއް ނުގޮވާ، ހަމަޖެހިލަބަ.

ބަޔަކު ކިޔާހާ އަންބާއެއްގެ އެއްކޮޅުގައި ހިފައިގެން، ކިއޭ ނުކިއޭ ނޭނގޭ ގޮވެލިފައްޗެއް ނުގޮވާ، ހަމަޖެހިލަބަލާށެވެ. ސީރަމް އިންސްޓިޓިއުޓްގެ ވެކްސިން ތަކަކީ ދިވެހިންނާ ބީރައްޓެހި ވެކްސިން ތަކެއް ނޫނެވެ. މީގެ އެތައް އަހަރެއްގެ ކުރިއަށް ބެލި ކަމުގައި ވީ ނަމަވެސް، ސީރަމް އިންސްޓިޓިއުޓްގެ ވެކްސިން ތަކަށް ދިވެހިން ފަރިތައެވެ.

ރާއްޖޭގައި ވެކްސިނެއް ނުވަތަ އެއްވެސް ބޭހެއް ބޭނުން ކުރުމަށް ހުއްދަ ދޫކުރާ މަރުކަޒީ އިދާރާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޖެނުއަރީ 2021 ގައި އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާލި ކަމުގައި ވީ ނަމަވެސް، މިހާރުވެސް ސީރަމް އިންސްޓިޓިއުޓްގެ 4 ވެކްސިނެއް ރާއްޖޭގައި ބޭނުން ކުރާ ކަން ހާމަވެއެވެ. އޭގެ ތެރޭގައި ބޮޑެތި މީހުންނަށް ޖަހާ ހެޕަޓައިޓިސް ބީ ވެކްސިން، ކުޑަކުދިންނަށް ޖަހާ ހެޕަޓައިޓިސް ބީ ވެކްސިން، އެމްއެމްއާރް ވެކްސިން އަދި ޓެޓަނަސް ޓޮކްސޮއިޑް ހިމެނެއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

މިކަން މިހެން އޮތްއިރު، ކޮވިޑް-19 އިން ދިފާއުވުމަށް ސީރަމް އިންސްޓިޓިއުޓް އިން ސިނާއީ ފެންވަރުގައި ތަރައްގީ ކުރި ކޮވިޝީލްޑް ވެކްސިނަށް ވެސް އެމްއެފްޑީއޭއިން ވަނީ ޖެނުއަރީ 26، 2021 ވަނަ ދުވަހު ރުހުން ދީފައެވެ. ކޮވިޝީލްޑް ވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކުރި ކޮވިޑް ވެކްސިންގެ ފޯމިއުލާއަށް، އެ ލައިސަންސްގައި ތައްޔާރު ކުރާ ވެކްސިނެކެވެ.

ކަމުނުދާންވީ ކީއްވެ؟

އަނެއްކާވެސް ތަކުރާރު ކޮށްލާނަމެވެ. ފެބުރުއަރީ 1، 2021 ވަނަ ދުވަހު ހެނދުނު 8:30 ގައި ރާއްޖޭގައި ދޭން ފަށާ ކޮވިޝީލްޑް ވެކްސިން ކަމުނުދާންވީ ކީއްވެ ހެއްޔެވެ؟ ހުރިހާވެސް މައްސަލައަކީ ސިޔާސީ ފިކުރުގެ ގޮތުން އެ ބަޔަކަށް ގަނެ ނުލެވި އޮތް ގައުމަކުން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ޑޯޒްތަކަކަށް ވުން ހެއްޔެވެ؟ ނުވަތަ އެ ފަސްގަނޑުގައި އުފެއްދި ވެކްސިނަކަށް ވާތީ ހެއްޔެވެ؟

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައިވާ އަސްޓްރާޒެނީކާ ކުންފުނީގެ ޓެކްނީޝަނެއް މަސައްކަތުގައި / ފޮޓޯ: ދަ ގާޑިއަން

ކައިރި ގައުމުތަކަށް ބަލާއިރު ކޮވިޝީލްޑް ބޭނުން ކުރާ ގައުމުތައް ދަނީ އިތުރު ވަމުންނެވެ. އެންމެ ފަހުން މި ލިސްޓަށް އިތުރުވީ ބަންގްލަދޭޝްއާއި ސްރީލަންކާއެވެ. މިއިން ގައުމަކުން ވެސް ކޮވިޝީލްޑްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނު ކަމަށް ހާމަކޮށްފައެއް ނެތެވެ. ސްރީލަންކާއަކީ ވެސް އިރުމަތީ ބިތުން މުޅި ދުނިޔެ ފަތަހަ ކުރަން ފައި ވިއްދައިގެން އޮތް ބޮޑު ގައުމެއްގެ އަވާގައި ޒާތަކަށް ޖެހޭ ގައުމެކެވެ. ނަމަވެސް، ކޮވިޑްގެ ވެކްސިން ރޭހުގައި ލަންކާއިންވެސް އިންޑިއާގެ ވެކްސިނަކަށް އާނބަސް ބުނެ، ގޮތް ދޫކުރިއެވެ.

ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ބައްޔަކުން ދިފާއުވުމަށް މިވަގުތު ލިބިފައި އޮތް އައްޑަނައަކަށް ވެކްސިން ވެ، މާތް ﷲގެ ތަނަވަސް ރަހުމަތްފުޅުން ދިވެހިންނަށް ވެސް އެ ވެކްސިންގެ ނަސީބު ލިބިފައި ވީ ހިނދު، އެ ނިއުމަތަށް އިންކާރު ކުރަނީ ކޮން ބޭނުމަކު ހެއްޔެވެ؟ ވެކްސިންގެ އެހީގައި ތިބާއާއި ތިބާގެ އާއިލާއަށް ރައްކާތެރިކަން ހޯދާ ދެވިދާނެ ކަމަށް ގަބޫލު ނުކުރެވެނީ ހަމަ ނޭނގިގެން ހެއްޔެވެ؟ ހަގީގަތުގައިވެސް ވެކްސިންގެ ނުރައްކާ ބޮޑުވުމުން ކަމަށް ބުނަނީ ނަމަ، އެ ވާހަކަ އޮތީ އިތުބާރު ހިފޭ ކޮން ތަނެއްގައި ހެއްޔެވެ؟ ސިޔާސީ ހެއްލުމެއްގައި ޖެހިފައި ހުރެވުނު ކަން ތިބާއަށް ހަމަ އަދިވެސް ނޭނގެނީ ބާއެވެ؟ މުޅި ދުނިޔެ ބަލައިގަތް ވެކްސިނެއް، ބައެއް ދިވެހިންނަށް ކަމު ނުގޮސްގެން އުޅޭ ސަބަބުން ދިފާއުވާނެ ވެކްސިނެއްވެސް ހޯދަން ޖެހެނީތާއެވެ!