ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމުގައި ފާހަގަކޮށްލެވޭ ބޮޑެތި ހިދުމަތްތަކެއް ކުރާ އަދި ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދެމުން އަންނަ އެންމެ ޝަރަފުވެރި އެއް އެވޯޑްގެ ގޮތުގައި ސިފަކުރާ ނޮބޭލް ސުލްހައިގެ އިނާމުގެ މިއަހަރުގެ އެވޯޑަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ކޮވެކްސް ފެސިލިޓީ ނޮމިނޭޓް ކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އެ އިދާރާގެ ކޮވެކްސް ފެސިލިޓީ، ނޮބޭލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ކޮށްފައި ވަނީ ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތާއީދާއެކުގައެވެ.

ނޮބޭލް އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނާއި، ސުލްހައިގެ އިނާމު ކުރިން ހާސިލުކޮށްފައިވާ ޝަހްސުންނަށް ލިބެއެވެ. މިއަހަރުގެ އިނާމަށް އެދި ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، ނޮމިނޭޓް ކުރާހާ ނަމަކީ، ނޮބޭލް އިނާމު ކޮމިޓީއިން ބަލައިގަންނަ ނަންތަކަކަށް ނުވެދާނެއެވެ.

ޑަބްލިއުއެޗްއޯއާއި ކޮވެކްސް ފެސިލިޓީ ނޮމިނޭޓް ކޮށްފައި ވަނީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް، އިންސާފުވެރި އުސޫލަކުން، ފަގީރު ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ މެމްބަރެއް ކަމަށްވާ ބައިނަލްއަގުވާމީ ވެކްސިން އިއްތިހާދު – ގާވީއަށްވެސް ނޮމިނޭޝަނެއް ލިބިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ނޮބޭލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ކޮށްފައިވާ އިތުރު ފަރާތްތަކުގެ ތެރޭގައި، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްވީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ "ބްލެކް ލައިވްސް މެޓާ" ހަރަކާތް، އަދި އދގެ ރެފިއުޖީ އޭޖެންސީގެ ނަން ފާހަގަ ކުރެވެއެވެ.

ނޮބޭލް ފައުންޑޭޝަންގެ ގަވައިދު ބުނާ ގޮތުން، 50 އަހަރު ވުމުގެ ކުރިން ނޮމިނޭޝަން ލިސްޓު އާންމު ކުރުމުގެ ހުއްދައެއް ނޯވެއެވެ. ނޮބޭލް ސުލްހައިގެ އިނާމު ހާސިލު ކުރާނެ ކަމަށް ވަކާލާތު ކުރަމުންދާ ނަންތަކަކީ، ލަފާ ކުރެވޭ ކުރެވުމެއްގެ މައްޗަށް ބިނާކޮށްގެން ކުރަމުންދާ ބަހުސްތަކެކެވެ.

އެ އަހަރެއްގެ އިނާމަށް ކެންޑިޑޭޓުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރަނީ ފެބުރުއަރީ މަހާއި މާޗް މަހުއެވެ. އަދި އިނާމު ހާސިލުކުރާ ފަރާތް އިއުލާން ކުރަނީ އޮކްޓޯބަރު މަހުއެވެ.