ހެލްތު މިނިސްޓްރީން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ނުދޭ މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ބައްދަލުކޮށްފިއެވެ.

އެމްއެމްސީން ބުނީ އެ ކައުންސިލުން އިސްނަގައިގެން ހެލްތު މިނިސްޓަރާ މިއަދު ބައްދަލު ކުރީ މީޑިއާތަކަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.

މިއަދުގެ އެ ބައްދަލުވުމުގައި މީޑީއާ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އާއި ނައިބު ރައީސް ހުސައިން ސަގީފެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ނަސީމްގެ އިތުރުން އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެމްއެމްސީ މިއަދު ހެލްތް މިނިސްޓްރީ އާ ބައްދަލު ކޮށްފައި ވާއިރު އެ މިނިސްޓްރީގެ ބައެއް އިވެންޓުތަކަށް ހުރިހާ މީޑިއާތަކަށް ދައުވަތު ނުދިނުމާއި މައުލޫމާތު ދިނުމުގައި ވެސް ތަފާތު ކުރުން ގެންގުޅޭ މައްސަލަ ވަނީ ބޮޑުވެފައެވެ.

އަދި މިނިސްޓަރު ނަސީމް ބައިވެރިވެ ވަޑައިގަންނަވާ އެ މިނިސްޓްރީގެ ބައެއް އިވެންޓު ތަކަށްވެސް ހަމަހަމަ ފުރުސަތު މީޑިއާއަށް ނުދޭ ކަމަށާއި އެފަދަ ޝަކުވާތައް އެ މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުގައި ނޫސްވެރިން ކޮށްފައި ވާއިރު، މާދަމާ ކޮވިޑް ވެކްސިން ޖަހަން ފަށާ ވާހަކަވެސް މިނިސްޓްރީން ފުރަތަމަ ހާމަ ކުރީ އެންމެ މީޑިއާ އަކަށެވެ. އެއާއެކު އެހެން މީޑިއާތަކުން ގުޅާ، ޝަކުވާ ކުރަން ފެށީމައި ވެކްސިނާ ގުޅޭ ނޫސްބަޔާނެއް މިހާރު ވަނީ ނެރެފައެވެ.

މީގެ ކުރިންވެސް ހެލްތު މިނިސްޓްރީން ގެންގުޅޭ "މީޑިއާ ބީރައްޓެހި" ސިޔާސަތާ ހެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.