މިއަދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ގޮތްހުސްވެފައި ވާކަން ހާމަވާ ދުވަހެއްކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މިއަދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމަކާއި ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުމެއްވެސް ކްރިމިނަލް ކޯޓުގައި ބާއްވާ ދުވަސް ކަމަށެވެ.

އެގޮތުން ރައީސް ޔާމީނަށް ތާވަލް ކޮށްފައިވާ އަޑުއެހުމަކީ ރ. ފުއްގިރި މައްސަލައިގައި ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުން އަދި މަނީ ލޯންޑަރިިންގެ ކުށުގެ ދައުވާއާ ގުޅިގެން އިބްތިދާއީ އަޑުއެހުމެކެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި އުފުލާ ދައުވާތައް އިއްވާފައި ވާއިރު އެ ދައުވާތައް ސާފުވާތޯ ރައީސް ޔަމީން ކުރެން ސުވާލު ކޮށްފައިވެއެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ދައުވާއަށް ޖަވާބު ދިނުމުގެ ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީން އިން ވަނީ އަދުރޭގެ މައްޗަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުގެ ދައުވާ އުފުލާފައެވެ. އެކަމާ ގުޅިގެން، އަދުރޭ ވިދާޅުވެފައި ވަނީ މި ސަރުކާރުން އޭނާއާ ދެކޮޅަށް ކިތަންމެ ވަރަކަށް ދައުވާ ކުރިއަސް މި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވާނެ ކަމަށެވެ. ކޮންމެ ދައުވާއެއް ކުރިއަސް އެކަމާ ކެރިގެން ކުރިމަތިލައްވާނެ ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ވެސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައި ވެއެވެ.