ތާވަލާ އެއްގޮތަށް، ވިލާތުގެ އިއްތިހާދަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ލެބޯޓްރީތަކުން ފެއިލް ވާނަމަ، އެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ޖަރުމަނުވިލާތުގެ ސަރުކާރުން ދީފިއެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން މިފަދަ އިންޒާރެއް ދީފައި މިވަނީ، ކުރިން އެއްބަސްވެފައިވާ މިންވަރަށް، ވިލާތުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް މިވަގުތު އުޒުރުވެރި ވާ ކަމަށް، އަސްޓްރާޒެނީކާ ކުންފުނިން ވިލާތުގެ އިއްތިހާދަށް އެނގުމާއެކު، އެ 2 ފަރާތުގެ މެދުގައި ހަމަނުޖެހުންތަކެއް އުފެދިފައި ވާ ދަނޑިވަޅެއްގައެވެ.

ވެކްސިން އުފެއްދުމުގެ ޗޭނަށް މައްސަލަތަކެއް ކުރިމަތިވެ، ތާވަލާ އެއްގޮތަށް ވެކްސިން ފޯރުކޮށް ނުދެވިދާނެ ކަމަށް އަސްޓްރާޒެނީކާ ކުންފުނިން ވިލާތުގެ އިއްތިހާދަށް އަންގާފައި ވާއިރު، ވިލާތުން ދަނީ އެކަން އެހެން ނުކުރެވޭނެ ކަމަށް ބުނަމުންނެވެ. އަދި އިނގިރޭސިވިލާތުގައި އަސްޓްރާޒެނީކާއިން އުފައްދާ ވެކްސިން ސަޕްލައި ހޯދުމަށް ވެސް ވިލާތުގެ އިއްތިހާދުން ދަނީ ޑިމާންޑް ކުރަމުންނެވެ.

ޖަރުމަނުވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އެ ގައުމުގެ އިކޮނޮމިކް މިނިސްޓަރު ޕީޓާ އޯލްޓްމޭއާ ވިދާޅުވީ، ކުންފުނިތަކާ މަތިކޮށްފައިވާ ޒިންމާތަކަށް އިހުތިރާމް ނުކުރަނީ ނަމަ، ގާނޫނީ ފިޔަވަޅު އަޅަން ނިންމަންޖެހޭ ކަމަށެވެ. ކަނޑައެޅިގެން ވަކި ގޮތެއް ހަމަޖެހިފައި ވަނިކޮށް، ވިލާތުގެ އިއްތިހާދުގެ މައްޗަށް އެހެން ގައުމެއް އިސް ކުރުމުގެ ހައްގެއް، އެއްވެސް ކުންފުންޏަކަށް ލިބިގެން ނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮވިޑް ވެކްސިންގެ ސަޕްލައިގެ މައްސަލާގައި ވިލާތުގެ އިއްތިހާދާ ދެބަސްވުން އުފެދިފައިވާ ހަމައެކަނި ކުންފުންޏަކީ އަސްޓްރާޒެނީކާއެއް ނޫނެވެ. ކުރިން އެއްބަސްވެފައިވާ ގޮތަށް ވެކްސިން ޑެލިވާ ކޮށްދިނުމަށް ފެއިލްވާތީ، ފައިޒާ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އިޓަލީ ވިލާތުން ވެސް ވަނީ ދީފައެވެ.