މި އަހަރުގެ ފުރަތަމަ 4 ހަފްތާ ތެރޭގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 78،237 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާތް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 4 ހަފްތާގައި 78،237 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 155،325 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ތަހިސާބުތައް ދައްކާ ގޮތުން މިމުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 17،870 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 16،155 ފަތުރުވެރިންނެވެ. އަދި 6263 ފަތުރުވެރިންނާއެކު ޔޫކްރެއިން ވަނީ ލިސްޓުގެ ތިން ވަނައިން ޖާގަ ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 2،880 ފަތުރުވެރިން އާދެއެވެ.

2020 ވަނަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ފަތުރުވެރިކަމުގެ ރަން އަހަރު 2022" ކައުންޓްޑައުން އެއް ވަނީ ފަށާފައެވެ.