ސަޕްލައި ދޯންޏެއްގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގދ. އަމާރި ހަވޮއްޑާ މޯލްޑިވްސް އިން ފުރައިގެން މާލެ ދަތުރުކުރި "ހިބަރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެ އިންޖީނު ހުއްޓި އޮޔާދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްކާޑު ސްކޯޑަން އިން ހަރަކާތްވެފައިވާ ކަމަށެވެ.

މި ސަޕްލައި ދޯނީގައި ދެ ދިވެހިންނާއި 4 ބިދޭސީ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ލ. އަތޮޅުގެ ދެކުނުން 38 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 10:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިންޖީނު ރޯމުގައި ރޯވި ދޯންޏާ ހަމައަށް އެމްއެންޑީއެފަށް ދެވުނުކަމެއް އަދި ސާފެއް ނުވެއެވެ.

މިމަހު 25 ވަނަ ދުވަހުވެސް ކަނޑުމަތީގައި އެފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އެ ހާދިސާގައި ސަފާރީއެއްގައި ރޯވެ ވަނީ ކަނޑު މެދަށް އަޑިއަށް ގޮސްފައެވެ. ސަފާރީގައި ރޯވެ އަޑިއަށް ދިޔައީ ކ. ކާށިދޫގެ 13 ނޯޓިކަލް މޭލު ހުޅަނގުގައި އޮއްވާ ކަނޑު މެދަށެވެ.

ހަމައެހެންމެ މިމަހު 17 ވަނަ ދުވަހު މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އޭގެ އިތުރުން ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މީހަކު ވަނީ ފިހިފައެވެ.