ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

ވިދިވިދިގެން ފަސް ދުވަހު ކޭސްތައް 100 އިން މައްޗަށް ގޮސްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 93 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 8 މީހަކާއި ލިވަބޯޑަކުން އެކަކު ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،496 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 62 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،028 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1410 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 116 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ. މިހާރު އެއީ 44 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ޕިލިޕީންސް މީހެކެވެ. ނިޔާވި 51 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި މއަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1739 އަށް އަރާފައެވެ. އަދި މި މުޅި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މިދިޔަ ތިން ދުވަހު ކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ 143 ކޭސް ފެނިފައިވާ އިރު މިދިޔަ ބުދަ ދުވަހު 145 ކޭސް ވަނީ ފެނިފައެވެ. މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހު 109 ކޭސް އަދި ހޯމަ ދުވަހު 108 ކޭސް ވަނީ ފެނިފައެވެ.

ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން ރެއިން ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާވެސް އިއުލާންކޮށްފައެވެ. އެ ގޮތުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު ވަގުތު ގޮތުގައި ވަނީ އިއުލާންކޮށްފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ފަތުރުވެރިން ފިޔަވާ އަންނަ ބިދޭސީންނާއި ދިވެހިން ވެސް މިއަދުން ފެށިގެން ކަރަންޓީން ވާން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

މިހާރު ރާއްޖޭގައި ކޭސްތައް އިތުރުވަމުން އަންނަ އިރު މ. ކޮޅުފުށި އަދި އއ. ތޮއްޑޫ ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. މި ދެ ރަށް ވެސް މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ އެ ދެ ރަށުން ވެސް މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކޮޅުފުށީ ކޭސް އާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެރަށުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ ކަރަންޓީން ވެ ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ހއ. ދެއްވަދޫ އާއި ދާންދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ