ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކުރި ކާފިއު ތަންފީޒު ކުރުމަށް މާލޭ މަގުމަތީ މާސްކް ނާޅާ މީހުންނަށް ނަސޭހަތް ދިނުމަކާ ނުލައި ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެޗްޕީއޭއިން އިއުލާން ކޮށްފައި ވާ ކާފިއު ވަގުތު ކަމަށް ވާ ރޭގަނޑު 12:00 އިން ފަތިހު 4:00 އަކީ މަގުމަތީގައި މީހުން ނުކުމެ އުޅުން މަނާ ވަގުތެއް ކަމަށާއި މާސްކު އެޅުމަކީ މަޖުބޫރު ކަމެއްް ކަމަށެވެ. އެ ވަގުތުގައި މަގުމައްޗަށް ނުކުމެ އުޅޭ މީހުންގެ ތެރޭގައި މާސްކް ނާޅާ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަކާ ނުލައި ޖޫރިމަނާ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު ތަންފީޒު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.

ކުރިން ކާފިއު އިއުލާން ކުރި އިރު އެ ވަގުތުތަކުގައި މަގުމައްޗަށް ނުކުންނަ މީހުންނާއި މާސްކާ ނާޅާ އުޅޭ މީހުންނަށް ފުލުހުން ފުރަތަމަ ނަސޭހަތްތެރި ވެފައި ވެއެވެ. އަދި ޖޫރިމަނާ ކުރަނީ ނަސޭހަތް ދިނުމަށް ފަހު ވެސް އެކަން ތަކުރާރުވާ ނަމައެވެ. އަދި އެ ޖޫރިމަނާ ފަހުން މާފުކޮށްދީފައި ވުމުން، އެ ޖޫރިމަނާއަކީ މާނައެއް ހުރި ކަމަކަށް ނުވިއެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކާފިއު އިއުލާންކޮށް ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅާފައި ވަނީ އަނެއްކާވެސް ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވެ 100 އިން މަތިން ކޭސްތައް އަންނަތާ 3 ދުވަސް ވެފައި ވަނިކޮށެވެ. މިހާރު 100 އިން މައްޗަށް ކޭސްތައް ގުނަމުން އަންނަތާ 4 ދުވަސް ވެފައި ވާއިރު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ 100 އިން މައްޗަށް ގޮސްފައެވެ. އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން ވަނީ 112 ކޭސް ފެނިފައެވެ.

ކާފިއުގެ އިތުރުން އެޗްޕީއޭއިން އަންގާފައި ވަނީ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށެވެ. އަދި މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމަށާއި މާދަމާއިން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ވެސް ވަނީ އަންގާފައެވެ.