އިންޑިއާ ކަނޑުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ދޫކޮށްލުމަށް އަވައްޓެރި ގައުމުތަކުން ގޮވާލަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި މަސައްކަތް ކުރައްވާ ޑ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާލުވެފައިވާ އިރު އިދިކޮޅު ސިޔާސީ ދެ ޕާޓީ އެކުވެގެން މިހާރު މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒަހާރަ ކުރަމުންނެވެ. މި މުޒާހަރާތައް ފެށީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ލީ މައްސަލައިގެ އަޑުއެހުން ނިންމާލައި ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެންނެވެ.

ޓުވިޓާގައި ޖަމީލް ވިދާޅުވީ، ރާއްޖޭގެ އަމާންކަން ގެއްލިއްޖެ ނަމަ އެއީ އިންޑިއާ ކަނޑުގެ އަމާންކަން ގެއްލުން ފަދަ ކަހަލަ ކަމެއް ކަމަށެވެ. އެހެންކަމުން ރައީސް ޔަމީން މިނިވަން ކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައީސް ޔާމީން ޖަލަށް ލުމަށްފަހު ވެސް މި ސަރުކާރުން ދަނީ އިދިކޮޅު ތަމްސީލް ކުރައްވާ ލީޑަރުން ވެސް ޖަލަށް ލަމުންކަން ފާހަގަ ކުރައްވާ ޖަމީލް ވަނީ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ އަދި ޕާކިސްތާނުން އިންޑިއާ ކަނޑުގެ އަމާންކަން ދެމެހެއްޓުމަށް ގޮވާލައްވާފައެވެ.

އެގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ސްރީލަންކާގެ ބޮޑުވަޒީރު ރާޖަ ޕަކްސާ އަދި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވެސް ރައީސް ޔަމީން މިނިވަން ކުރުމަށް ރާއްޖޭގެ ސަރުކާރަށް ގޮވާލެއްވުމަށް ޖަމީލް އެދިވަޑައިގެންފައި ވެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު ޕީއެންސީގެ ރައީސް އަބްދުއްރަހްމާން އަބްދުﷲ (އަދުރޭ) ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔަމީނަށް މި ސަރުކާރުން އަނިޔާ ދެމުންދަނީ އިންޑިއާ ބޮޑުވަޒީރުގެ އޯޑަރަށް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ދެމުންދާ އަނިޔާއާ ދެކޮޅަށް އިދިކޮޅުން ނުކުންނާނެ ކަމަށާއި އެކަމާ ގުޅިގެން ސިލްސިލާ މުޒާހަރާތަކެއް މާލޭގައި އަދި ރާއްޖޭގެ އެކިކަނކޮޅުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އަދުރޭ ވިދާޅުވެފައި ވެއެވެ.

ހައިކޯޓުން ކުރި ހުކުމަށްފަހު އިދިކޮޅުން ސިލްސިލާކޮށް މާލޭގެ އެކި ސަރަހައްދުގައި މުޒާހަރާ ކޮށްފައި ވާއިރު އިދިކޮޅު އިއްޔެ ކުރި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހްމާން އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ހައްޔަރުކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުން މި ދެބޭފުޅުން ދޫކޮށްލާފައި ވަނީ 3 ޝަރުތަކާ އެކީގައެވެ. އެއީ ފުރައިގެން ދާންޖެހިއްޖެ ނަމަ ފުލުހުންގެ ލިޔުމެއް ހޯދުމަށާއި ފުލުހުންގެ ތަހުގީގަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި ނަމަ ހާޒިރުވުމުގެ އިތުރުން މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް އަދި ފޯނު ނަންބަރު ބަދަލުވާ ނަމަ އެކަން ފުލުހުންނަށް އެންގުމަށެވެ. މި ޝަރުތު ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

މީގެ އިތުރުން ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވަނީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.