ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި ވަޒީފާ އުނިކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ޒަރިއްޔާއިން 17،535 މީހަކަށް އެހީތެރިކަން ފޯރު ކޮށްދީފިއެވެ.
ދުނިޔޭގައި ފެތުރެން ފެށި ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގައި ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސްޕޯޓް" ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 252.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް ފައިސާ ދޫކޮށްފައި ވަނީ 17،535 މީހުންނަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަައެވެ.
މިހާތަނަށް އައިއިރު، 17،535 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައި ވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހު 31 ވަނަ ދުވަހު ބަންދު ކުރާނެއެވެ.
ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި ވޯލްޑް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެގޮތުން މީގެ ކުރިން އިންކަމް ސަޕޯޓް ސްކީމަށް 12.89 މިލިއަން ޑޮލަރު ވޯލްޑް ބޭންކުން ދީފައި ވާއިރު، މިހަފްތާގައި ވަނީ، އިތުރަށް 21.6 މިލިއަން ޑޮލަރު ދޭން ނިންމާފައެވެ. މިއާއެކު އިންކަމް ސަޕޯޓް ސްކީމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައެޅި އެހީގެ ޖުމުލަ އަގު މި ވަނީ 34.4 މިލިއަން ޑޮލަރަށް އަރާފައެވެ.
އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.