ގދ. ތިނަދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފޮޒިޓިވްވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އިއްޔެ ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޓެސްޓު ކުރީ މާލެއިން ކޮންޓެކްޓުވި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެނެވެ. އަދި އޭނާގެ ކިބައިން އަލާމާތްތައް ފެންނާތީއެވެ.

އެއާއެކު އެރަށުން ކޮވިޑް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ ދެ އަކަށް އަރާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި މިއަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ.

މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1490 އަށް އަރާފައެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މިދިޔަ ތިން ދުވަހު ކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ 145 ކޭސް ފެނިފައިވާ އިރު އޭގެ ކުރީ ދުވަހު ވަނީ 109 ކޭސް ފެނިފައެވެ.

މިހާރު ރާއްޖޭގައި ކޭސްތައް އިތުރުވަމުން އަންނަ އިރު މ. ކޮޅުފުށި އަދި އއ. ތޮއްޑޫ ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ.

މި ދެ ރަށް ވެސް މޮނިޓަރިންގެ ހާލަަތށް ބަދަލުކޮށްފައި ވަނީ އެ ދެ ރަށުން ވެސް މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކޮޅުފުށީ ކޭސް އާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެރަށުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ ކަރަންޓީން ވެ ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މިއަދު ވަނީ ހާއްސަ ހުއްދައިގެ ދަށުން ފ. ނިލަންދޫއަށްގޮސް މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ގިނަ ބަޔަކު ކަރަންޓީން ކޮށްފައެވެ.