އިދިކޮޅު ކޯލިޝަނުން ހެލްތު މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

މި މުޒާހަރާގައި ބައިވެރިން އަންނަނީ ވެކްސިން ޖެހުމުގެ ކުރިން އޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލަމުންނެވެ.

ހެލްތު މިނިސްޓްރީގެ ބޭރުގައި ސަޕޯޓަރުން މުރާހަރާ ކުރަމުންދާއިރު އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތަކުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާ ބައްދަލު ކުރުމަށް ހެލްތު މިނިސްޓްރީ އެތެރެއަށް ވަނީ ވަދެފައެވެ.

މިނިސްޓަރާ ބައްދަލުކުރުމަށް މިނިސްޓްރީއަށް ގޮސްފައިވަނީ ވެކްސިން ގެ ރައްކާތެރިކަމާ ރައްޔިތުންގެ ދުޅަހެޔޮ ކަމާ ގުޅޭގޮތުން ފާޅު ކުރަމުން ގެންދާ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓަރާ ބައްދަލު ކުރުމަށް އިދިކޮޅުން ހެލްތު މިނިސްޓްރީއަށް / ފޮޓޯ: ޕީޕީއެމް

ކޮވިޑުން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަން އެ އެޖެންސީން ވަނީ ފާހަގަ ކޮށްފައެވެ.