ރާއްޖެ ޓީވީ ޕްރޮގްރާމަކަށް ސިފައިންގެ އުޅަނދުތައް ބޭނުން ކުރުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކުރިއަށް އޮތް ރޯދަ މަހު ރާއްޖެޓީވީން ދައްކާ "ސެލެބްރިޓީ ރޭސް" ރިއަލިޓީ ޝޯއަށް އެމްއެންޑީއެފްގެ ގިނަ އުޅަނދުތަކެއް ބޭނުން ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކިހިނެތްވާ ކަމެއްތޯ އެމްއެންޑީއެފުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، ދިވެހި ރައްޔިތުންނަށް ސާފު ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ޝިޔާމް ވަނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮރަޕްޝަނަށް ދެއްވާ ޒީރޯ ޓޮލަރެންސްގެ ވައްތަރެއްތޯ ސުވާލު އުފައްދާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޝޯގެ ޝޫޓިންއަށް އެމްއެންޑީއެފްގެ ހަ އުޅަނދެއް ހާއްސަ ކުރި އިރު އެމްއެންޑީއެފްގެ ގިނަ މުވައްޒަފުން ވެސް ވަނީ ޝޫޓިން ކުރިއަށް ގެންދިޔަ ރަށްތަކަށް ފޮނުވާފަވެއެވެ.
އެ ޝޯއަށް ބޭނުންކޮށްފައި ވާ ބައެއް އުޅަނދުތަކުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރަކާއި ކޯސްޓްގާޑްގެ "ނޫރައްދީން" އާއި ފަޔަރު ލޯންޗެއް ވެސް ބޭނުން ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިކަން ހިނގާ ދިޔަ ގޮތް ނުވަތަ މިފަދަ ކަންކަމަށް ދައުލަތުގެ އުޅަނދުތައް ހަމަޖައްސާ އުސޫލު ސާފު ކުރަން އެމްއެންޑީއެފުގެ ކަމާބެހޭ އޮފިޝަލަށް ގުޅުމުން ޖަވާބެއް ދީފައެއް ނުވެއެވެ.