ރިލީޒް ސާމްޕަލް ނަގާ ތަންތަނުން ވޮލަންޓަރީ ސާމްޕަލް މިހާރު ނެގޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކަރަންޓީން ރިލީޒް ސާމްޕަލް ނަގާ ތަންތަނުން ވޮލަންޓަރީ ސާމްޕަލް މިހާރު ނެގި ނަމަވެެސް ބައެއް ފަރާތްތައް އިސްތިސްނާ ވާނެ ކަމަށެވެ.
އޭގެ ތެރޭގައި ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުންނާއި ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުން އަދި ރާއްޖެއިން ބޭރަށް ފުރަން ޓެސްޓް ހަދަން ދާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ރިލީޒް ސާމްޕަލް މިހާރު ނަގަނީ "މާލެ ހިޔާ 2" ފުރަގަހުގައި ހުންނަ، ކުރިން ފްލޫ ކްލިނިކް ހުރި އިމާރާތުންނެވެ.
ރިލީޒް ސާމްޕަލް ނަގައިދިނުމަށް ހަމަޖެހިފައި ވާނީ ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 01:00 އަށް، އަދި ހަވީރު 05:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހު ރިލީޒް ސާމްޕަލް ނަގައިދޭނީ ހަވީރު 05:00 އިން ރޭގަނޑު 09:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހުޅުމާލެ ފުލޫ ކްލިނިކުން ރިލީޒް ސާމްޕަލް ނަގައިދިނުމަށް ހަމަޖެހިފައި ވާނީ ކޮންމެ ދުވަހެއްގެ ހަވީރު 05:00 އިން ރޭގަނޑު 09:00 އަށެވެ. އަދި މާދަމާ އިން ފެށިގެން އެ ފްލޫ ކްލިނިކުން ސާމްޕަލް ނަގާނީ ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 02:00 އިން ފެށިގެން ހަވީރު 05:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހު ރިލީޒް ސާމްޕަލް ނަގައިދޭނީ ހަވީރު 05:00 އިން ރޭގަނޑު 08:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.