އަވަށްޓެރި އިންޑިއާގެ ދަނޑުވެރި ކަމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލަމުން އަންނަ ދަނޑުވެރިންގެ ހަޅުތާލު ހޫނުވެ، ވެރިރަށް ނިއުދިއްލީގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އިންޑިއާގެ 72 ވަނަ ޖުމްހޫރީ ދުވަހު، ދަނޑުވެރިންގެ ހަޅުތާލު ވަރުގަދަ ކޮށް، ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިންގާފައި ވާއިރު، އިންޑިއާގެ ސަރުކާރުން ވަނީ ޕެރާމިލިޓްރީ ނުވަތަ އަސްކަރީ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ފައުޖުތައް، ދިއްލީގެ މަގުތަކަށް ނެރުމަށް ނިންމާފައެވެ.

ހަޅުތާލު ކުރާ ދަނޑުވެރިން އަންގާރަ ދުވަހު ކުރި މުޒާހަރާ ހޫނުވެ، ހިންގި ކުރިމަތިލުންތަކުގައި އެކެއްގެ ފުރާނަ ގެއްލި، 80 ފުލުހަކު ޒަހަމްވި ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާގެ ތާރީހީ ސަރަހައްދެއްގެ ގޮތުގައި ބަލަމުން އަންނަ ރެޑް ފޯޓް ސަރަހައްދަށްވެސް ހަޅުތާލުގެ މުޒާހަރާތައް ފެތުރިގެން ދިޔައިރު، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، މަސްރަހު އެންމެ ހޫނު ސަރަހައްދުތަކުން އިންޓަނެޓާއި ފޯނުގެ ހިދުމަތް މެދުކަނޑާލާފައެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި ދަނޑުވެރިކަމުގެ ސިނާއަތަށް ގެނައި ގާނޫނީ އިސްލާހުތަކަކީ، އެ ސިނާއަތަށް އިތުރު މިނިވަން ކަމެއް ލިއްބައިދެނިވި އިސްލާހުތަކެކެވެ. ނަމަވެސް ދަނޑުވެރިން ދެކޭ ގޮތް ތަފާތެވެ. ދަނޑުވެރިން ބުނާ ގޮތުގައި، މި އިސްލާހުތަކުގެ ސަބަބުން، އެ ދަނޑުވެރިން ހައްތަހާ ވާނީ ފަގީރެވެ.

މިދިޔަ ނޮވެމްބަރު މަހުން ފަށައިގެން، އިންޑިއާގެ އެތައް ހާސް ދަނޑުވެރިންނެއް ދަނީ ދިއްލީގެ ރަށްބޭރު ހިސާބުތަކުގައި ހަޅުތާލުކޮށް، މުޒާހަރާ ކުރަމުންނެވެ. ހުސްވި ހަފުތާގައި ދަނޑުވެރިން ވަނީ، ގާނޫނު ތަންފީޒު ކުރުން މަޑުޖައްސާލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަށްވެސް އިންކާރު ކޮށްފައެވެ.

ސަރުކާރަށް ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި، މި ފަދަ އިސްލާހުތަކެއް ގާނޫނަށް ގެނައި އިރު، ދަނޑުވެރިންނާ މަޝްވަރާ ކޮށްފައެއް ނުވެއެވެ. މިހާރު އޮތް އިސްލާހުތަކަކީ ޕްރައިވެޓް ސެކްޓަރަށް ބޮޑު ކޮންޓްރޯލެއް ދޭ އިސްލާހުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.