މިއަދު ވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް ހިނގައްޖެއެވެ. މިއަދު ޕޮޒިޓިވްވެފަިއ ވަނީ 145 މީހުންނެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާ ވެސް ކޭސްތައް އިތުރުވެ 100 އިން މައްޗަށް ކޭސް އެރި މިއީ ތިން ވަނަ ދުވަހެވެ. ވިދިވިދިގެން ތިން ދުވަހު ކޭސްތައް 100 އިން މައްޗަށް ގޮސްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 93 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 14 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 36 މީހަކާއި ލައިވް އެބޯޑަކުން ދެމީހަކު ކަމަށެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،247 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 32 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،916 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1273 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 93 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ. މިހާރު އެއީ 44 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ޕިލިޕީންސް މީހެކެވެ. ނިޔާވި 51 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި މއަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1490 އަށް އަރާފައެވެ. އަދި މި މުޅި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މިދިޔަ ތިން ދުވަހު ކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ 109 ކޭސް ފެނިފައިވާ އިރު އޭގެ ކުރީ ދުވަހު ވަނީ 108 ކޭސް ފެނިފައެވެ.
މިހާރު ރާއްޖޭގައި ކޭސްތައް އިތުރުވަމުން އަންނަ އިރު މ. ކޮޅުފުށި އަދި އއ. ތޮއްޑޫ ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. މި ދެ ރަށް ވެސް މޮނިޓަރިންގެ ހާލަަތށް ބަދަލުކޮށްފައި ވަނީ އެ ދެ ރަށުން ވެސް މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކޮޅުފުށީ ކޭސް އާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެރަށުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ ކަރަންޓީން ވެ ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.