ލ. އިސްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ މަސައްކަތުގެ 50 ފަސެންޓް ނިމިފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 45 ޕަސެންޓް ވަނީ ނިމިފައެވެ.

އެ މަޝްރޫގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި ބަނދަރު ބައްތި ހަރުކުރުމާއި، 1،560 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު މޮބިލައިޒް ކުރެވުނު އެ މަޝްރޫއެކެވެ.