ވިލާތު ބައްރުން ބޭރަށް، ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު، ވިލާތުގެ އިއްތިހާދު (އީޔޫ) އިން ދީފިއެވެ.
އީޔޫއިން މިފަދަ އިންޒާރެއް ދީފައި މިވަނީ، ކޮވިޑް-19ގެ ވެކްސިން އުފެއްދުމުގައި ކުރި ހޯދާފައިވާ އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކުރި ކޮވިޑް ވެކްސިންގެ ޑޯޒްތަކުން، ވިލާތުގެ މެމްބަރު 27 ގައުމަށް ދިނުމަށް ކުރިން ކަނޑައަޅާފައި އޮތް މިންވަރު މަދު ކުރުމަށް، އެ ކުންފުނިން ނިންމުމާ ގުޅިގެން، ވިލާތުގެ އިއްތިހާދާއި އަސްޓްރާޒެނީކާ ކުންފުންޏާ ދެމެދު، ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އީޔޫގެ ހެލްތު ކޮމިޝަނަރު ސްޓެލާ ކައިރާކައިޑްޒް ވިދާޅުވީ، އެ އިއްތިހާދުގެ ރަށްވެހިން ހިމާޔަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ސިނާއީ ފެންވަރުގައި ވެކްސިން އުފެއްދުމަށް މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށާ، މިކަމުގެ ސަބަބުން، ކުރި ކަނޑައެޅި ޓާގެޓާ އެވަރަށް ވެކްސިން ސަޕްލައި ނުކުރެވިދާނެ ކަމަށް، އަސްޓްރާޒެނީކާ ކުންފުނިން ވިލާތުގެ އިއްތިހާދަށް އެންގީ ހުސްވި ހަފުތާގެ ތެރޭގައެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ކޮވިޑް ވެކްސިން ތަރައްގީ ކުރަމުން އަންނަ އަސްޓްރާޒެނީކާ ކުންފުނިން ވަނީ، މި އަހަރުގެ މާޗް މަހުގެ ނިޔަލަށް، ވިލާތުގެ 27 ގައުމަށް 80 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް މިއަމާޒަށް ވާސިލު ނުވެވިދާނެ ކަމަށް އަސްޓްރާޒެނީކާއިން މިހާރު ދަނީ ބުނަމުންނެވެ. މީޑިއާގައި ނަން ހާމަ ނުކޮށް ރޮއިޓާޒްއާ ވާހަދެއްކެވި އޮފިޝަލަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަސްޓްރާޒެނީކާއިން ފުރަތަމަ ކުއާޓަރުގައި ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކަށް ފޯރުކޮށްދޭނީ 31 މިލިއަން ޑޯޒްގެ ވެކްސިނެވެ. މިއީ ކަނޑައެޅި އަމާޒަށް ވުރެ، 60 ޕަސެންޓް މަދު މިންވަރެކެވެ.
އީޔޫގެ މެމްބަރު ގައުމުތަކުގެ ނަމުގައި އެ އިއްތިހާދުން ވެކްސިން ގަންނަމުން ދިޔަ ނަމަވެސް، އެކަށީގެންވާ ހަލުވި ދުވެލީގައި މިކަން ކުރިއަށް ނުދާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އެ އިއްތިހާދަށް އަމާޒުވެފައެވެ.
ވިލާތުގެ އިއްތިހާދުން މާދަމާގެ ވަގުތެއްގައި އަސްޓްރާޒެނީކާ ކުންފުންޏާއެކު ބައްދަލުވުމެއް ކުރިއަށް ގެންދާނެ ކަމަށްވެސް ހެލްތު ކޮމިޝަނަރު ވަނީ ހާމަ ކުރައްވާފައެވެ.