ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރައްވާ މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ބަދަލު ގެނެސްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލަށް ބަދަލު ގެނެސްފައި ވަނީ އިއްޔެ ކަމަށާއި އެ ބަދަލަކީ ހަމައެކަނި ސިޔާސީ މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނައި ބަދަލެއް ކަމަށެވެ. އެ ގޮތުން ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަސް ކަމަށް އެ އުސޫލުގައި ބުނެއެވެ.
މިބަދަލަކީ ވަޒީފާއާ ބެހޭ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާއެކު ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާ (ސަލާމުގެ ޗުއްޓީ) އަށް ގެނެވުނު ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން ގެނެވިފައިވާ ބަދަލެކެވެ. މީގެކުރިން ރައީސް އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުސޫލަށް ވެސް މިބަދަލު ގެނެސްފައިވާ ކަމަށް މަބރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތު ވިޔަސް އެ ހިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް މީޑިއާތަކުން ގެނަސްދީފައިވާ ހަބަރުތަކަކީ އޮޅުމެއް ކަމުގައި ފާހަގަ ކުރައްވާ ކަމަށެވެ.
"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލު" އަކީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލުކުރަމުންދާ އުސޫލެކެވެ. އިއްޔެ މި އުސޫލަށް ގެނެސްފައިވާ އިސްލާހަކީ 10 ވަނަ އިސްލާހެވެ.