ރައީސުލްޖުމްހޫރިއްުޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމާއި ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ މިއަދު ހަވާލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ބަދަލާއި ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ އިބްރާހީމް ހޫދުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

ރައީސް އެ ބަދަލު ގެންނަވާފައި ވަނީ، ރައީސްގެ އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމު ފުރުއްވަމުން ގެންދެވި ހަސަން އިސްމާއީލް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޙަސަން އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހަސަން ރޭ ވިދާޅުވެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ސަރުކާރުގެ އެފަދަ މަސްއޫލިއްޔަތެއް އަދާ ކުރެއްވުމަށް އުޒުރުވެރިވާތީ ކަމަށެވެ.