ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ޖަޕާނުގެ 11 ސަރަހައްދަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ 15 ހާހަށް ވުރެ ގިނަ ޕޭޝަންޓުންނަށް، ހޮސްޕިޓަލް ނުވަތަ އެނޫންވެސް އައިސޮލޭޝަން ފެސިލިޓީއަކުން ޖާގަ ނުލިބި އެބަތިބި ކަމަށް ކިޔޯޑޯ ނިއުސް އޭޖެންސީއިން ރިޕޯޓް ކޮށްފިއެވެ.
ފާއިތުވީ 2 މަހެއްހާ ދުވަހަށް ބަލާއިރު، ޖަޕާނުގައި ކޮވިޑް-19ގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް ޖަޕާނުން 360661 ކޭސް ފެނިފައި ވާއިރު، މިއީ މީގެ މަހެއްހާ ދުވަސް ކުރިއާ އަޅާ ބަލާއިރު 74 ޕަސެންޓް އިތުރު އަދަދެކެވެ. އަދި 2 މަސް ކުރިއާ އަޅާ ބަލާއިރު 165 ޕަސެންޓް އިތުރު އަދަދެކެވެ.
ޖަޕާނުގެ ޖޫޓެންޑޯ ޔުނިވާސިޓީގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓެއް ކަމަށްވާ ސަޓޯޝީ ހޯރީ ވިދާޅުވީ، ދޮށީ އުމުރުގެ މީހުންނާއި، ހަށިގަނޑުން އިންތިހާއަށް ބަލީގެ އަލާމާތްތައް ފެންނަ (ހައި ރިސްކު ގުރޫޕުތަކުގެ) މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެނަމަ، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ ކަމަށެވެ. އާދައިގެ ގޮތަކަށް އަލާމާތްތައް ފެންނަ މީހުން ފޮނުވާލަނީ އައިސޮލޭޝަން ފެސިލިޓީތަކަށެވެ.
ނަމަވެސް ހޮސްޕިޓަލާއި އައިސޮލޭޝަން ފެސިލިޓީތަކުން ޖާގަ ނުލިބި، 15058 ޕޭޝަންޓަކު މިހާރުވެސް ޖަޕާނުގައި އެބަތިބި ކަމަށް މައުލޫމާތު ލިބެއެވެ.
ޕޮޒިޓިވްވާ މީހުން އުފުލުމުގައި ހަރަކާތްތެރިވަނީ ޖަޕާނުގެ ލޯކަލް ޕަބްލިކް ހެލްތު ސެންޓަރުތަކުންނެވެ. ނަމަވެސް، ރެކޯޑް އަދަދުތަކުން ކޭސް އިތުރު ވަމުން ދިއުމުގެ ސަބަބުން، މި ސެންޓަރުތަކަށްވެސް ވަނީ ބާރު ބޮޑުވެފައެވެ.
ކުއްލި ހާލަތު އިއުލާން ކޮށްފައިވާ 11 ޕްރީފެކްޗާއަކަށް ބަލާއިރު، ވެއިޓިންގް ލިސްޓު އެންމެ ދިގީ ވެރިރަށް ޓޯކިޔޯގައެވެ. ޑިސެމްބަރު 19، 2020 އާ އަޅާ ބަލާއިރު މިއަދަދު 5 ގުނަ އިތުރުވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ޓޯކިޔޯގެ ވެއިޓްލިސްޓުގައި 7500 އަށް ވުރެ ގިނަ ޕޭޝަންޓުން އެބަތިއްބެވެ.
ހޮސްޕިޓަލާއި އައިސޮލޭޝަން ފެސިލިޓީތަކުން ޖާގަ ނުލިބޭ މައްސަލާގައި އެއްޗެއް ބުނުމަށް ޖަޕާނުގެ ސަރުކާރުން އިންކާރު ކުރާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.