މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ މިދަނޑިވަޅުގައި، ޗައިނާ ފަދަ ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީއިން މިކަން ހާމަ ކުރީ، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ދޭދޭ ގުޅުންތަކާ ބެހޭ މަޝްވަރާތަކުގެ 7 ވަނަ ބުރުގެ ބައްދަލުވުން، ޖެނުއަރީ 26، 2021 ވާ އަންގާރަ ދުވަހަށް ތާވަލު ކޮށްފައި ވާ ކަން ހާމަކޮށް، ނެރުނު ބަޔާނެއްގައެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19) އާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ.
މީގެ އިތުރުން ކޮވިޑް-19އިން އަރައިގަނެ، އިގުތިސޯދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ރާއްޖެއާއި ޗައިނާއާއި ދެމެދު، ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެޖެންޑާ ކޮށްފައި ވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
މި ހިނގާ 2021 ވަނަ އަހަރު، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މި ރޫހުގައި ބާއްވަމުން އަންނަ ބައްދަލުވުންތައް ވެފައިވަނީ ދޭދޭ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކޮށިގެންދާ މުހިންމު މަގަކަށް ކަމަށް ފޮރިން މިނިސްޓްރީއިން ސިފަކުރެއެވެ.
ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު މިފަދަ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ 2017 ވަނަ އަހަރު، ދިވެހިރާއްޖޭގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުގެ ބައްދަލުވުން ކުރިއަށް ގެންދާނީ ވާޗުއަލް ޕްލެޓްފޯމެއްގައި ކަމަށް، ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
އަންގާރަ ދުވަހުގެ މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ހަލީލު ކަމަށާއި، ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް ލޫ ޝައުހުއީ ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނެއެވެ.