އޭޑީކޭ ހޮސްޕިޓަލުގައި ހައި ޑިޕެންޑެންސީ ޔުނިޓުގައި ފަރުވާ ދިން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލްގައި ހައި ޑިޕެންޑެންސީ ޔުނިޓުން ފަރުވާ ދީ ދޫކޮށްލާފައިވާ 3 މީހަކު ޕޮޒިޓިވް ވުމާ ގުޅުގެން އެ ޔުނިޓު ބަންދުކޮށް މިހާރު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ކަމާ ގުޅިގެން މިހާރު އެ ހޮސޕިޓަލުން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ހުރިހާ ޕޭޝަންޓުން ޓެސްޓު ކުރަމުން ދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އޭޑީކޭ އިން ފަރުވާ ދިން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މި މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މިއަދު އެވެ. މިއަދު ޖުމްލަ 108 ކޭސް ފެނިފައި ވާއިރު އޭގެތެރޭގައި ޖަމާލުއްދީން އަދި މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންތަކަކާއި ދަރިވަރުން ތަކެއް ވެސް ހިމެނެއެވެ. ހަމަ އެއާއެކު ދެއްވަދޫ ކްލަސްޓާއިން ވެސް ގިނާ ކޭސްތަކެއް ވަނީ ފެނިފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،993 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 36 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،849 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1086 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 80 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއަދު ރާއްޖެއިން ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. މި ކޭސްއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 51 އަށް އަރަފައެވެ. މިހާރު މި ބަލީގައި ނިޔާވެފައި ވަނީ 44 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ޕިލިޕީންސް މީހެކެވެ. ނިޔާވި 51 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.