މ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާތީ އެރަށަށް އަރައި ފޭބުން ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލުގެ ރައީސް ހުސެން ޝަމީމް ވިދާޅުވީ ޕޮޒިޓިވްވި މީހާ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގަނެޓިވްވި ކަމަށެވެ.

ނަމަވެސް މާލެ ދިޔުމަށްފަހު ކޮވިޑް އަލާމާތްތަކެއް ފެނުމުގެ ސަބަނުން ނެގި ސާމްޕަލުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާތަނަށް ކޮނެޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މީހުންގެ ޖުމްލަ އަދަދު ބުނަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

100 ޓެސްޓް ކިޓް މިއަދު މިރަށަށް ގެނެސްފައިވޭ، މާދަމާ ސާމްޕަލް ނަގަން ފެށޭނެ
ޝަމީމް

ކޮންޓެކްޓް ޓްރޭސިންއަށް ރަށު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށާއި އެ މީހާއާ ދިމާވެފައިވާ މީހުން އެންގުމަށް އެދިފައިވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް މީހަކު ގެއިން ބޭރަށް ނުނުކުތުމަށާއި އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.