ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރު ކުރައްވައި ދިފާއުގައި ހެކި ހުށަހެޅުމަށް އެދިވަޑައިގެންފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުން ބުނީ، މިއަދު އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާގެ ޝަރީތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ހެކި ހުށަހަޅާފައި ކަމަށެވެ. އަދި އަލީ ވަހީދު އެ ދައުވާތަކަށް އިންކާރު ކުރައްވާފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެހެންކަމުން އަލީ ވަހީދު ވަނީ އޭނާގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތަށް އެދިވަޑައިގެންފައި ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެކޯޓުން ބުނީ މިއަދުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރު ވަނީ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފައި ކަމަށެވެ.

މި ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. ނަމަވެސް މި ޝަރީއަތް ލައިވް ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މި ޝަރީއަތް ސިއްރުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށްވާތީއެވެ. އެއީ ޖިންސީ ކުށްތައް އަދި ކުޑަކުދިން ހިމެނޭ މައްސަލަތައް އަބަދުވެސް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ކަމަށް ވާތީ، އެފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ ކަރާމާތް ރައްކާތެރި ކުރުމަށްޓަކައެވެ.

އަލީ ވަހީދަށް ކޮށްފައިވާ ދައުވާތަކަކީ:

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ

އޭނާގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރައްވާފައިވާ ކަމުގެ ތުހުމަތު އެ މުވައްޒަފުން ކުރުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.

މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.