ސިޔާސީ ލީޑަރުންނާއި ސެލެބިރިޓީނާއި އިންޓަވިއު ކުރުމުގެ ތެރެއިން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި މަޝްހޫރު ޓޯކް ޝޯ ހޮސްޓް، ލެރީ ކިންގް މަރުވެއްޖެއެވެ.

މީޑިއާގެ ދާއިރާއަށް 60 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި، އުމުރުން 87 އަހަރުގެ ލެރީ ކިންގް ވަނީ 50000 އަށް ވުރެ ގިނަ އިންޓަވިއު ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތަކީ، 25 އަހަރު ދުވަސް ވަންދެން، ސީއެންއެންއަށް އޭނާ ތައްޔާރު ކޮށްދިންގެ ޓޯކް ޝޯ "ލެރީ ކިންގް ލައިވް" އެވެ.

ލެރީ ކިންގްގެ މޭސްތިރިކަމުގެ ދަށުން އުފެއްދި ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ އޯރާ މީޑިއާއިން ހަބަރު ދޭ ގޮތުގައި، ލެރީ ކިންގް މަރުވީ، ލޮސްއެންޖަލީސްގައި ހުންނަ ސީޑާޒް-ސައިނާއި މެޑިކަލް ސެންޓަރުގައެވެ.

މަޝްހޫރު ޓީވީ ހޮސްޓް ލެރީ ކިންގް (ވ) އޭނާގެ ޝޯއެއްގައި 2010 ވަނަ އަހަރު ފިލްމީ ބަތޮލަކާއެކު / ފޮޓޯ: ގެޓީ އިމޭޖަޒް

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެގެން މިމަހު ކުރީކޮޅު، ކެރީ ކިންގަށް ފަރުވާ ދިނީވެސް މި ހޮސްޕިޓަލުގައެވެ.

މީޑިއާގެ ދާއިރާގައި ހިދުމަތް ކޮށް، ގިނަ ބައެއްގެ ތައުރީފު ހޯދާފައިވާ ލޭރީ ކިންގް ވަނީ ގިނަ އެވޯޑްތަކެއް ހާސިލު ކޮށްފައެވެ. އޭގެ ތެރޭގައި އެމީ އެވޯޑްވެސް ހިމެނެއެވެ.

އާންމުންގެ މެދުގައި ލެރީ ކިންގް އެންމެ މަޝްހޫރު ވެގެން އައީ 1970ގެ އަހަރުތަކުގައި އޭނާ ހުށަހަޅާދިން "ދަ ލެރީ ކިންގް ޝޯ"އާއެކުގައެވެ. އޭގެ ފަހުން 1985 – 2010 ވަނަ އަހަރާ ދެމެދު އޭނާ ވަނީ "ލެރީ ކިންގް ލައިވް" ގެ ނަމުގައި ސީއެންއެންގައި ހާއްސަ ޓޯކް ޝޯއެއް ހުށަހަޅާދީފައެވެ. ސިޔާސީ ދާއިރާގެ ޝަހްސިއްޔަތުތަކުން ފެށިގެން، މުނިފޫހިފިލުވުމުގެ ދާއިރާގެ ތަޖުރިބާކާރުންނާ ކޮންސްޕިރަސީ ތިއަރިސްޓުންވެސް މި ޝޯގެ މެހެމާނުންގެ ގޮތުގައި ވަނީ ފެނިފައެވެ.

ފާއިތުވީ އަހަރުތަކަކީ ސިއްހީ ގޮތުން ލެރީ ކިންގަށް ގޮންޖެހުންތަކެއް ކުރިމަތިވި އަހަރުތަކެކެވެ. އެގޮތުން އޭނާއަށް ވަނީ ހާޓްއެޓޭކްތަކެއްވެސް ޖެހިފައެވެ. މީގެ އިތުރުން އޭނާ ވަނީ ހަކުރު ބައްޔާއި، އެންޖައިނާ އަދި ފުއްޕާމޭގެ ކެންސަރާ ދެކޮޅަށްވެސް ހަނގުރާމަ ކޮށްފައެވެ.

ލެރީ ކިންގްގެ 5 ދަރިންގެ ތެރެއިން 2 ކުއްޖަކު ވަނީ 2020 ވަނަ އަހަރު، ހަފުތާއެއްގެ ތެރޭގައި ނިޔާވެފައެވެ. އެއް ދަރިއަކު މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވާއިރު، އަނެއް ދަރިފުޅު މަރުވީ ފުއްޕާމޭގެ ކެންސަރު ބަލީގައެވެ.