މި އަހަރުގެ ފުރަތަމަ 3 ހަފްތާ ތެރޭގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 57،599 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާތް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 3 ހަފްތާގައި 57،599 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 13،880 ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 10،623 ފަތުރުވެރިންނެވެ. އަދި 5020 ފަތުރުވެރިންނާއެކު ޔޫކްރެއިން ލިސްޓުގެ ތިން ވަރައިން ޖާގަ ހޯދާފައިވާއިރު، ކަޒަގަސްތާނު، ފްރާންސް، ރޯމޭނިއާ، ޖާމަނީގެ އިތުރުން ޔޫކޭ، ޔޫއެސްއޭ އަދި ސްވިޒަލެންޑުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ފުރަތަމަ 3 ހަފްތާއަށް ބަލާލާއިރު، ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 112،282 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު 57،500ގައި އުޅޭއިރު، ކޮވިޑްގެ ސަބަބުން މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ އެއްކޮށް ހެން ހުއްޓިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 2،880 ފަތުރުވެރިން އާދެއެވެ.

2020 ވަނަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ފަތުރުވެރިކަމުގެ ރަން އަހަރު 2022" ކައުންޓްޑައުން އެއް ވަނީ ފަށާފައެވެ.