މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އިމާރާތެއްގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވީ، އެ ސައިޓްގައި ކުރިއަށް ގެންދިޔަ ވެލްޑު ކުރުމުގެ މަސައްކަތުގެ ސަބަބުން ކަމަށް މަހާރާޝްތުރާ ސްޓޭޓްގެ ސިއްހަތާ ބެހޭ ވަޒީރު، ރާޖޭޝް ޓޯޕީ ވިދާޅުވެއްވެއެޖެއެވެ.
ސީރަމް އިންސްޓިޓިއުޓްއަކީ މިއަދު މުޅި ދުނިޔެ އެ ވެކްސިނަކަށް ބޭނުން ޖެހިފައިވާ ކޮވިޑް ވެކްސިންވެސް ސިނާއީ ފެންވަރުގައި ތަރައްގީ ކުރަމުން އަންނަ އެއް ކުންފުންޏެވެ. ސީރަމް ކުންފުނިން އުފައްދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކުރި ވެކްސިނެކެވެ.
އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާ ކުރީވެސް ސީރަމް ކުންފުނިން އުފައްދާ "ކޮވިޝީލްޑް" ކޮވިޑް ވެކްސިނެވެ.
ޕޫނާގައި ސީރަމް ކުންފުނިން އިމާރާތް ކުރަމުންދިޔަ ފެސިލިޓީގެ 4 އަދި 5 ވަނަ ފަންގިފިލާގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި 5 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ، މި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާ، ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކާ އެކުގައި ހުންނެވި ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އަދި ޒަހަމްވީ މީހުންނަށް އަވަސް ޝިފާއަކަށްވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.
މި ހާދިސާގައި މަރުވި 5 މީހުންނަކީވެސް ކޮންޓްރަކްޝަން މަސައްކަތުގައި އުޅުނު ލޭބަރުން ކަމަށާ، 5 މީހުންގެ ހަށިގަނޑުވެސް ނެގީ 5 ވަނަ ފަންގިފިލާއިން ކަމަށް އިންޑިއާގެ ފުލުހުން މައުލޫމާތު ދެއެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރަތަކީ ކޮވިޝީލްޑް ވެކްސިން ގުދަން ކުރާ ތަނެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޝީލްޑާއި ގުޅޭ މަސައްކަތް މި އިމާރާތުގައި ފަށަން ތާވަލު ކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ފަހަށެވެ. މި އިމާރާތުގެ 3 ވަނަ ފަންގިފިލާއަކީ ސީރަމްއިން އުފައްދާ ބީސީޖީ ވެކްސިން ހުންނަ ފަންގިފިލާއެވެ. ނަމަވެސް އެ ވެކްސިންތަކަށްވެސް އަލިފާނުގެ އަސަރު ފޯރާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ސީރަމްގެ ކޮވިޝީލްޑް ޕްލާންޓް ހުންނަނީ، އަލިފާނުގެ ހާދިސާ ހިނގި އިމާރާތާ ގާތްގަނޑަކަށް 1 ކިލޯމީޓަރު ދުރުގައެވެ.