ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން ކެނޑިނޭޅި އަނިޔާވެރި ވަމުންދާ އިރު އިތުރު ހިތްވަރަކާއެކު އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތް އެންމެން ކުރުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައި އޮފީސް ދޮރުމަތީގައި ސަޕޯޓްރުންނާ މުހާތަބު ކުރައްވާ އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް މި ސަރުކާރުން އަނެއްކާވެސް އަނިޔާވެރިވެއްޖެ ކަމަށެވެ. އެމަނިކުފާނު އިސްތިއުނާފަށް ހުށަހެޅުއްވި މައްސަލަ ހައިކޯޓުން މިއަދު ނިންމި ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށް ސާފުކޮށް ވިދާޅުވެފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާ ހުއްޓުވުމަށް ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ މިއަދު މެންދުރު ފަހުން ފެށިގެން ޔާމީންގެ ސަޕޯޓަރުން އަވީގައި އެމަނިކުފާނަށްޓައި ވީ ގުރުުބާނީ އަދުރޭ ފާހަގަ ކުރެއްވިއެވެ.

މިރޭ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވާހަކަ ދެއްކެވިއެވެ. ޝިޔާމް ވަނީ މިއީ އެއްވެސް މިނިވަން ކަމެއް ނެތް ގައުމެއް ކަމަށާއި ރައީސް ޔާމީން މިނިވަން ކުރަން މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ނޮވެމްބަރު 28، 2019 ވަނަ ދުވަހެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ނޮވެމްބަރު 30، 2019 ވަނަ ދުވަހެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް ކޮށްފައި ވަނީ ދަށު ކޯޓުން ނިންމި ނިންމުން ދެމެހެއްޓުމަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިޅީހުގައި ތިއްބެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ހައިކޯޓުން މިއަދު ނިންމުމުން އިދިކޮޅުގެ ސަޕޯޓަރުން ވަނީ މާލޭގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށާއި ސޯސަންމަގުގެ އޭޑީކޭ ހޮސްޕިޓަލް ހުންނަ ސަރަހައްދަށް އެއްވެ އެމީހުންގެ ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ.