ކ. މާފުށިން މިއަދު އެކަނި މަހަށް ފުރި 81 އަހަރުގެ މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެމިހާ ފެނިފައި ވަނީ މިރޭ 6:26 ހާއިރު ރަންނާޅީ ރިސޯޓުގެ އިރުމަތިން ކަމަށެވެ. އަދި އޭނާ ކޯސްޓް ގާޑްގެ ލޯންޗަށް ނަގާފައިވާ ކަމަށާއި އޭނާ މިހާރު މާފުއްތަށް ގެންދަނީ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން އެމީހާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

18 ފޫޓު ރިޔަލު ދޯންޏެއްގައި ކ. މާފުށިން އެކަނި މަހަށް ފުރި އަހުމަދު އާދަމް މަނިކު، ޝޭޑީ ގްލޯ، ކ. މާފުށި، ހަބަރު ނުވެގެން އެމްއެންޑީއެފުން އެމީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މެންދުރު ފަހުން ފެށިގެންނެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު ފަހު 02:08 ހާއިރު ކަމަށާއި އެމީހާގެ ހަބަރު ނުވެގެން އުޅެނީ ފަތިހު 05:30 ހާއިރުން ފެށިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފައިވާ އިރު އެމީހާ އާއި އެމީހާ މަހަށް ނުކުތް ދޯނި ހޯދުމަށް ކޯސްޓް ގާޑް ފާސްޓާ އިންޓަސެޕްޓް ކްރާފްޓް (އެފްއައިސީ) ވެލާނާ ލޯންޗްގެ އިތުރުން ސީ އެމްބިއުލަންސް ކަނޑުގެ ސަރަހައްދު ބެލުމުގައި މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.