ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކެއްގެ އިވެލުއޭޝަން މަސައްކަތް ކުރިއަށް އެބަ ދާ ކަމަށާ، ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި، ބައެއް ވެކްސިންތަކަށް އެމާޖެންސީ ޔޫޒްގެ ސިއްކަ ދެވޭ ގޮތް ވުން އެކަށީގެން ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އާންމު ކުރި އާ ލިޔުމެއް ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން އާންމު ކުރި ލިޔުމުގައި ވާ ގޮތުން، އެ އިދާރާއިން މިހާރުވެސް ދަނީ ކޮވިޑް-19 އަށް ހާއްސަކޮށްގެން ތަރައްގީ ކުރި 15 ވެކްސިނެއްގެ އިވެލުއޭޝަން މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރި ވެކްސިން ޑޯޒް ރައްކާ ކޮށްފައިވާ ފޮށިތަކެއް / ފޮޓޯ: ސިޕާ ޔޫއެސްއޭ

ކޮވިޑް-19 އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ އެކި ވެކްސިންތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން އިޒުނަ ދިނުމަށް ލިސްޓު ކޮށްފައި ވަނީ އެންމެ ވެކްސިނަކަށެވެ. އެއީ ފައިޒާ/ބައޮއެންޓެކް ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިނެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކުއްލި ހާލަތުގައި އަސްޓްރާޒެނީކާގެ ވެކްސިން ބޭނުން ކުރުމަށް އެންމެ އަވަހަށްވެސް ހުއްދަ ދެވޭނެ ކަމަށް ބެލެވެނީ މިމަހު ފަހުކޮޅުގައި ކަމަށެވެ. ދެކުނު ކޮރެއާގެ އެސްކޭ ބައޮސައެންސްއިން ވެސް ހަމަ މި ވެކްސިން އުފައްދަމުން އަންނަ އިރު، މި ބްރޭންޑަށް އިޒުނަ ދެވޭނީ އެންމެ އަވަހަށްވެސް ފެބުރުއަރީ މަހު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން ކޮވިޑް-19 ވެކްސިން ތަރައްގީ ކުރަމުންދަނީ އަސްޓްރާޒެނީކާއާއި ގުޅިގެން/ފޮޓޯ: އެންބީސީނިއުސް

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ވެސް ސިނާއީ ފެންވަރުގައި އަސްޓްރާޒެނީކާގެ ވެކްސިން އުފައްދަމުން އަންނައިރު، މި ބްރޭންޑަށް ހުއްދަ ދެވޭނެ ކަމަށް ބެލެވެނީ، ކުރިއަށް އޮތް ފެބުރުއަރީ މަހުގެ މެދަކާ ހިސާބުގައި ކަމަށް ޑަބްލިއުއެޗްއޯގެ ލިޔެކިއުންތައް ބުނެއެވެ.

އަވަށްޓެރި އިންޑިއާގެ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީވެސް އެސްއައިއައިއިން އުފައްދާ އަސްޓްރާޒެނީކާ ކޮވިޑް ވެކްސިން (ކޮވިޝީލްޑް)ގެ 1 ލައްކަ ޑޯޒްއެވެ.

ކޮވިޝީލްޑް އަކީ އިންޓްރާ-މަސްކިއުލާ (މަސްގަނޑަށް ޖަހާ) އިންޖެކްޝަންގެ ދެ ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނެކެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު މީހުންނާއި، ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަންޖެހެއެވެ. މި ވެކްސިން ގުދަންކުރާއިރު ފިނިހޫނުމިން ހުންނަންވާނީ 2 އަދި 8 ސެންޓިގްރޭޑްގެ ދެމެދުގައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައިވާ އަސްޓްރާޒެނީކާ ކުންފުނީގެ ޓެކްނީޝަނެއް މަސައްކަތުގައި / ފޮޓޯ: ދަ ގާޑިއަން

އަސްޓްރާޒެނީކާގެ ވެކްސިންގެ އިތުރުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހެން ބާވަތްތަކެއްގެ ވެކްސިންތައް ދަނީ ބޭނުން ކުރަމުންނެވެ. ކޮންމެ ގައުމެއްގައިވެސް ވެކްސިން ބޭނުން ކުރަނީ އެ ގައުމެއްގެ ޑްރަގް ރެގިއުލޭޓަރުން އެކަމަށް ހާއްސަ ހުއްދައެއް ދީގެންނެވެ. އެގޮތުން، މޮޑާނާ ކުންފުނިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިނަކީވެސް ފާހަގަކޮށްލެވޭ ވެކްސިނެކެވެ. މި ވެކްސިނަށް ޑަބްލިއުއެޗްއޯގެ ސިއްކަ ލިބޭނީ ފެބުރުއަރީ މަހުގެ ފަހުކޮޅުގައި ކަމަށް ލަފާ ކުރެވެއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން މިހާރުވެސް އެތައް ސަތޭކަ ހާސް ބަޔަކަށް ވެކްސިން ދެމުން ދާއިރު، ޗައިނާގެ ސީނޯވެކް އިން ތަރައްގީ ކުރި ވެކްސިނާއި ސީނޯފާމްއިން ތަރައްގީ ކުރި ވެކްސިންތަކަށް އެންމެ އަވަހަށްވެސް ޑަބްލިއުއެޗްއޯގެ ރުހުން ލިބޭނީ މާޗް މަހުގެ ކުރީކޮޅުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

މި ހުރިހާ ވެކްސިނަކީވެސް 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންތަކަކެވެ. ނަމަވެސް 1 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނެއް، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އަންނަނީ ތަރައްގީ ކުރަމުންނެވެ. ޑަބްލިއުއެޗްއޯގެ ލިޔެކިއުންތައް ބުނާ ގޮތުން، މި ވެކްސިނަށް އެންމެ އަވަހަށްވެސް ރުހުން ދެވޭނެ ކަމަށް ބެލެވެނީ މޭ މަހުއެވެ.