ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގެ ސީއީއޯކަަށް މުހައްމަދު ހަބީބް ހަމަޖައްސައިފިއެވެ.

އޭނާއަކީ އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި، ހަބީބް ވަނީ ލޯކަލް ގަަވަމަންޓް އޮތޯރިޓީއާއި ދިރާގު އަދި މެކްސްކޮމް ޓްރެއިނިންގައި މަސައްކަތްކޮށްފައެވެ.

އެންޑީއޭގެ ސިއީއޯއަކަށް އެންމެ ފަހުން ހުންނެވީ، ހަސަން ޝަހީލެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސީއީއޯ ނެތި އެތަން ހިންގާތާ މިހާރު ހަތަރު މަސް ދުވަސް ވަނީ ވެފައެއެވެ.

މީގެ ނުވަ އަހަރުކުރިން އުފެއްދި އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާއެވެ.

އެންޑީއޭއަށް ސީއީއޯއެއް ހަމަޖެއްސި އިރު، އެތަން ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން އެންޑީއޭގެ ރިފޯމް ކުރުމަށް ކެމްޕެއިނެއްވެސް ދަނީ ކުރަމުންނެވެ.