ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިނާއި އެ ގައުމުގައި ހިނގި މަރުގެ ހާދިސާތަކާ ގުޅުމެއް ނެތް ކަމަށް ނޯވޭއިން ބުނެފިއެވެ.

ރެކޯޑްތައް ދައްކާ ގޮތުން ނޯވޭއިން ކޮވިޑް ވެކްސިން ކެމްޕޭން ފެށީ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. ވެކްސިން ޖެހި ދޮށީ އުމުރުގެ މީހުންގެ ތެރެއިން 33 މީހަކު ފުރަތަމަ ޑޯޒްއަށް މަރުވެފައި ވާކަމަށް ހަބަރު ފެތުރުނެވެ. އަދި މިކަމަށް ސަމާލުވުމަށް ނޯވޭގެކަމާ ބެހޭ ފަރާތްތަކުންވެސް އިންޒާރެއް ނެރުނެވެ.

ނޯވޭގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތު، ކެމީލާ ސްޓޯލްޓެންބާގް ވިދާޅުވީ މަރުވި މީހުންގެ ތެރެއިން މިހާތަނަށް ދިރާސާކުރި 13 ކޭހަށް ބަލާއިރު، މި މީހުންނަކީ ވަރަށް ދޮށީ ބައެއް ކަމަށާ، މި މީހުންނަކީ ސީރިއަސް ބަލިތަކެއްވެސް ތަހައްމަލު ކުރަމުން ދިޔަ ބައެއް ކަމަށެވެ.

ސްޓޯލްޓެންބާގް ވިދާޅުވީ ނޯވޭގައި ދޮށީ އުމުރުގެ މީހުން ބެލުމަށް ހާއްސަ ކޮށްފައި ވާ މަރުކަޒުތަކުގައި ދުވާލެއްގައި މައްޗަށް އެވަރޭޖުކޮށް 45 މީހުން މަރުވާ ކަމަށެވެ. އެހެން ކަމުން މި ރިއާޔަތް ކުރާ މަރުގެ ކޭސް ނަންބަރަކީ އާދަޔާ ހިލާފަށް އިތުރު އަދަދެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށާ، މި މަރުގެ ކޭސްތަކާ ވެކްސިނާވެސް ގުޅުމެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ސްޓޯލްޓެންބާގް ވިދާޅުވިއެވެ.

ނަމަވެސް ނޯވޭއިން ވަނީ، ވެކްސިން ދޭއިރު އެ ވެކްސިން ލިބިގަންނަ މީހުންނަކީ ދޮށީ އުމުރުގެ، ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުން ކަމަށް ވަނީ ނަމަ، ވަކިވަކިން ކޭސްތައް މުރާޖައާކޮށްގެން ވެކްސިން ދިނުމަށް އެ ގައުމުގެ ޑޮކްޓަރުންނަށް ގޮވާލާފައެވެ. ހަށިގަނޑު ދެރަވެފައިވާ މީހަކަށް ވެކްސިން ދީގެން ކުރިމަތިވާ ސައިޑްއިފެކްޓްތަކުގެ ސަބަބުން އިތުރަށް ބަލިވުމަކީ ވެދާނެ ގޮތެއް ކަމަށް ސްޓޯލްޓެންބާގް ވަނީ ވިދާޅުވެފައެވެ.

ނޯވޭގެ އިތުރުން ޑެންމާކާއި އައިސްލަންޑުންވެސް ވަނީ ވެކްސިން ޑޯޒް ނެގުމަށް ފަހު ބަޔަކު މަރުވި ކަމަށް ރެކޯޑް ކޮށްފައެވެ. ނަމަވެސް އެ ކޭސްތަކާވެސް ވެކްސިނާ ގުޅުމެއް އޮތްކަމަށް އަދި ސާބިތެއް ނުކުރެވެއެވެ.

ފައިޒާއާއި ބައޮއެންޓެކުން ވަނީ، ކަމާ ގުޅުންހުރި ހުރިހާ މައުލޫމާތެއް އެއްކުރުމަށް ނޯވޭގެ މެޑިސިންސް އޭޖެންސީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.